English Edition
Dhivehi Edition
މޮސްކޯގެ ހޮސްޕިޓަލެއްގެ ބަލިމީހަކަށް ރަޝިޔާގެ ޑޮކްޓަރުން ފަރުވާދެނީ. --ފޮޓޯ: އޭޕީ

ރަޝިޔާ އިން ރެކޯޑް އަދަދެއް ކަމަށްވާ 11،231 މީހުން ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވްވެފައިވާކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީގެކުރީން، ރަޝިޔާ އިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އެ ދުވަހު ގާތްގަނޑަކަށް 10،633 އެއްހާ މީހުން ޕޮޒިޓިވްވެފައިވާއިރު، މިއީ އެ ގައުމުން ޕޮޒިޓިވްވީ މީހުންގެ އަދަދު 11 ހާހަށް ވުރެ އިތުރުވި ފުރަތަމަ ފަހަރެވެ.

މިއާއެކު ރަޝިޔާގައި މިހާތަނަށް 177،000 އަށްވުރެ ގިނަ މީހުންނަށް މި ބަލިޖެހިފައިވާއިރު، 1،625 މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން، ފަހަކަށްއައިސް ރަޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، އެމެރިކާ އާއި ސްޕެއިން އަދި އިޓަލީ އާއި އިނގިރޭސިވިލާތަށް ފަހު މިހާރު އެންމެ ގިނަ އަދަދަކަށް ބަލިޖެހުނު މީހުން ތިބީ ރަޝިޔާގައެވެ.

މުޅި ދުނިޔޭން މިހާތަނަށް 3.9 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވީ މީހުންގެ އަދަދު ވަނީ 270،422 އަށް އަރާފައެވެ. އަދި މި ބަލީގައި ރަނގަޅުވީ މީހުންގެ އަދަދަކީ 1،341،001 އެވެ.