English Edition
Dhivehi Edition

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ މެންބަރުން އިހްތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ މިޖަލްސާ އަށް އެޖެންޑާކޮށްފައިވާ މައްސަލަތައް މަޖިލީހުގެ ކަމާ ގުޅިފައިވާ ކޮމިޓީތަކަށް ފޮނުވުމަށްފަހު އެވެ . އެއީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު ޒާހީޔާ ޒަރީރުގެ ބަދަލުގައި މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ ނަންފުޅު ދިރާސާކުރައްވުމާއި، މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ކ. މާފުށި، މުސްތަރީގޭ އަހްމަދު ނަސީރުގެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމެވުމަށް ކޮމެޓީއަށް ފޮނުވުމުގެ މައްސަލައިގެ އިތުރުން “އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން” (އަޔޯރާ)ގައި ރާއްޖެ ބައިވެރިވުމުގެ މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމުމަށް ދާއިމީ ކޮމެޓީއަކަށް ފޮނުވުމުގެ މައްސަލައެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އެ ބާވަތުގެ ކަންކަން ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީ އަށް ފޮނުވުމަށް މަޖިލިހުގައި ވޯޓު ނަގާކަށް ނުޖެހެއެވެ. ދާއިމީ ކޮމެޓީ އަށް އެ މައްސަލައެއް ފޮނުވިކަން ރިޔާސަތުން އިއުލާން ކުރުމުން އެކަން ނިމޭނެއެވެ.