އަދަބީ ހުނަރުތައް ދަސްކޮށްދިނުމުގެ އޮންލައިން ކިލާސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ބަހުގެ އެކެޑަމީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑު–19ގެ ފުރަބަންދުގައި ގޭގައި ތިބެގެން ދިވެހި އަދަބީ ހުނަރުތައް ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ނާވިލު ލިޔުމުގެ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ކިލާހަކާއި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ކިލާހެއް އޮންލައިންކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އެ އެކެޑަމީން ބުނެއެވެ.
މީގެ ތެރެއިން ވާހަކަދެއްކުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމުގެ އޮންލައިން ކޯހުގެ މުއްދަތަކީ 20 ގަޑިއިރު ކަމަށްވާއިރު، ނާވިލު ލިޔުމުގެ ހުނަރުވެރިކަން ދަސްކޮށްދިނުމުގެ އޮންލައިން ކޯހުގެ މުއްދަތަކީ 05 ގަޑިއިރެވެ. މި ދެ ކޯސްވެސް ފެށުމަށް ހަމަޖެހިފައި ވަނީ މި ހިނގާ މެއި މަހުގެ 20 ވަނަ ދުވަހު އެވެ. އަދި މި ކޯސްތަކަކީ މުޅިން ހިލޭ ކިޔަވައިދޭ ކޯސްތަކެކެވެ.
އެ ކިލާސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމު 2020 މޭ 12ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ހުށަހަޅަންޖެހޭނެ އެވެ. އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު 7986230 ނަންބަރު ފޯނައި ގުޅައިގެން ލިބޭނެއެވެ.
މީގެ އިތުރުން ދިވެހި ބަހުގެ އެކެޑަމީން ވަނީ މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޅެން ހަދަން ދަސްކޮށްދޭ އޮންލައިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.