English Edition
Dhivehi Edition
ފޮޓޯ: ދިވެހި ބަހުގެ އެކަޑަމީ

ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީން “ޕޮއެޓްރީ ތެރަޕީ” އަށް ދިވެހިބަހުން ކިޔާނެ ނަމެއް ކަނޑައަޅުއްވައި އެ ނަން ފާސްކޮށްފިއެވެެ.

ބަސްކޮމިޓީން ނިންމައިފައި ވަނީ “ޕޮއެޓްރީ ތެރަޕީ” ގެ ދިވެހި ނަމަކީ “ޅެންފަރުވާ” އެވެ. އަދި ދިވެހިބަހުގައި އެ ނަމުގެ މާނައަކީ “ބަލި މީހާގެ އިޙްސާސްތަކާއި އުދާސްތަކާއި ގުޅޭ ޅެންހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެއް. މިއީ ގަދީމީ ޒަމާނުއްސުރެ ހަޟާރަތްތަކުގައި ނަފުސީ ތަފާތު ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެއް” ކަމަށް ބަސްކޮމިޓީން ވަނީ ނިންމާފައެވެ. މި ނަން މިހާރު ވަނީ ބަސްފޮތުގެ އޮންލައިން އިސްދާރުގައި ވެސް ހިމަނުއްވައިފައެވެ.

މިއާއެކު، ޅެންފަރުވާގެ ޢިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެކުލަވައިލެވިފައިވާ ފަހުމުނާމާގައި ސޮއި ކުރުން މި މަހުގެ 22 ވާ ބުދަ ދުވަހު އޮންނާނެއެވެ. މި ފަހުމުނާމާގެ ދަށުން ޅެންފަރުވާއާ ބެހޭ ޢިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާތައް ކުރެވިގެންދާނެއެވެ.

މީގެ އިތުރަށް، ދިވެހިބަސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ތަފާތު އެހެނިހެން ދިރާސާތައް ކުރުން ވެސް މި ފަހުމުނާމާގެ ދަށުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެކު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އބްރާހީމް އިޢުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޅެންވެރިކަމާއި ބަހުގެ އެ ފަދަ ފަންނުތަކުން ދުނިޔޭގެ ކުރިއަރައިފައިވާ މުޖުތަމަޢުތަކުގައި ހިފާ ޢިލްމީ ބޭނުންތައް ދިވެހި ބަހުން ދިވެހީންގެ ތެރޭގައި ވެސް އޮތުމަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި ތަހުޒީބަށް ޓަކައި މުހިންމުކަމެކެވެ.

ޅެންފަރުވާގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ދާއިރާގެ ފަންނީ ބޭފުޅުންނާ އެ ވުޒާރާގެ ފަރާތުން ބައްދަލުކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. މިގޮތުން، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، މެންޓަލް ހެލްތް ސެންޓަރ، ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ އަދި ދަމަަނަވެށީގެ ފަންނީ ފަރާތްތަކާއެކު މަޝްވަރާ ކުރެވިފައިވެއެވެ.