މޯލްޑިވްގޭސް ޑެލިވަރީކުރާ މީހަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް މޯލްޑިވްގޭސް އިން ކަށަވަރުކޮށްދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ އެ ކުންފުނީގެ ހުޅުމާލޭ ޑެލިވަރީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހެކެވެ. މި މަހުގެ 06 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި އެ މުއައްޒަފު ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ކޮވިޑްގެ ސާމްޕަލް ނަގާފައިވާއިރު އޭނާ ޕޮޒިޓިވްވިކަން އެންގީ ރޭގެ ވަގުތެއްގައެވެ.
މޯލްޑިވްގޭސް އިން ބުނެފައިވަނީ އެޗްޕީއޭއިން މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއިން ކޮވިޑް19 ފެނުނު ފަހުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ދުވަހަކު ގޭސްފުޅިތަކާއި ވެހިކަލްތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރާކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އަދި އެ ކުންފުނީގެ މުއައްޒަފަކަށް ކޮވިޑް ޖެހުނު ކަމުގައި ވިޔަސް ގޭސް ޑެލިވަރީ ކުރުމުގެ ޚިދުމަތް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމަށް މޯލްޑިވްގޭސް އިންވަނީ ބުނެފައެވެ.
ރޭ ކޮވިޑް-19 އަށް ހަ މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންގެ އިތުރުން އިންޑިއާގެ ދެ މީހެކެވެ. މޯލްޑިވްގޭސް ޑެލިވަރީކުރާ މީހާ ހިމެނެނީ މީގެ ތެރޭގައެވެ.