މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު ރާއްޖެ ވަޑައިގަތުމުން ފުރުން މަނާކޮށް އޭނާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ތަހުގީގު ފަށައިފިއެވެ.
ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މަނީ ލޯންޑަރިންގެ މައްސަލަ ޕޮލިސް ސާވިސްއަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުމޫން ރާއްޖެ އައިސްފައި މިވަނީ ފުލުހުން އޭނާގެ މައްސަލަތަކެއް ތަހުގީގުކުރަނިކޮންނާއި އޭނާގެ މައްޗަށް ދައުލަތުން ދައުވާތަކެއް އުފުލާފައިވާތީ އޭނާ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށެވެ. އޭސީސީ އިން ފޮނުވި މައްސަލަތައް ދިރާސާކުރުމަށްފަހު ދައުލަތުން ވަނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު މައުމޫންގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައެވެ.
މައުމޫނަށް ކުރާ ދައުވާތަކުގެ ތެރޭގައި ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އަދި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. މީގެ އިތުރުން ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރަން ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އިތުުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ.