English Edition
Dhivehi Edition
ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗެއްގެ ތެރެއިން. --ފޮޓޯ: އޭޕީ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަނުގެ ޖަރުމަން ބުންޑަސްލީގާގެ ކުޅުން އަންނަ ހަފްތާގައި ފެށުމަށް އެ ގައުމުގެ ސަރުކާރުން ފެހި ސިގްނަލް ދީފިއެވެ.

ޖަރުމަނުގެ ލީގު ހިންގާ ޑީއެފްއެލް އިން މިހާރު ރާވާފައި އޮތީ މި މަހުގެ 15 ވަނަ ދުވަހު ލީގުގެ ކުޅުން ފެށުމަށެވެ. އޭރު ލީގު ފެށުމަށް ހަމަޖެހިފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ތަންފީޒުކުރުމަށްފަހުގައެވެ. އެގޮތުން، ޖަރުމަނުގެ އެއްވަނަ އަދި ދެވަނަ ޑިވިޝަނުގެ ގާތްގަނޑަކަށް 40 ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 އަށް މިހާރު ޓެސްޓުކޮށްފައިވާއިރު، 10 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވީނަމަވެސް ކަނޑައެޅިފައިވާ ތާރީޚަށް ލީގު ފެށުމަށް ހުރަހެއް ނެތެވެ.

މިހާރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލާޢާފާތެއްގޮތުގައި ޑަބްލިއުއެޗްއޯ އިން ސިފަކުރާ މި ބަލިމަޑުކަން ކޮންޓްރޯލްވުމެއް ނެތި ގިނަ ގައުމުތަކެއްގައި ފެތުރެން ފެށުމާ އެކު ޔޫރަޕުގެ ފުޓުބޯޅަ ސީޒަން މުއްދަތެއް ނެތް ގޮތަށް ފަސް ކުރީ މިދިޔަ މާރިޗު މަހުގެ މެދުތެރޭގައެވެ. އޭގެފަހުން، ގިނަ ގައުމުތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ފަހު ފުޓްބޯޅަ ސީޒަން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަށްފަހު، މިހާރު ފްރާންސްގެ ލީގާއި، ބެލްޖިއަމް އަދި ނެދަލެންޑްސްގެ އިތުރުން އާޖެންޓީނާގެ ފުޓުބޯޅަ ސީޒަން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.

އެހެންނަމަވެސް، ޖަރުމަނާއި، އިޓަލީގެ އިތުރުން އިނގިރޭސިވިލާތުން އަންނަނީ އެ ގައުމުތަކުގެ ފުޓްބޯޅަ ސީޒަން އަލުން ކުރިއަށް ގެންދިއުމަށް ތައްޔާރުވުމަށް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީކޮށް ޕްރެކްޓިސް ފަށައި، ޖޫން މަހުގެ ކުރިން ލީގުގެ މެޗުތައް ފެށޭ ވަރު ވާނެ ކަމަށް އެގައުމުތަކުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅޭގޮތުން، ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ޖަރުމަނުގެ ފުޓްބޯޅަ ސީޒަން ފެށުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ބުންޑަސްލީގާ މެދުކަނޑާލިއިރު، ތާވަލްގެ އެއްވަނައިގައި އުޅޭ ބަޔާން މިއުނިކަށް 25 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ބޮރޫޝިއާ ޑޯޓްމަންޑް ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ 50 ޕޮއިންޓާއެކު އާރްބީ ލިޕްޒީގު އެވެ. ހަތަރުވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކް އަށް ލިބިފައިވަނީ 49 ޕޮއިންޓެވެ.

ކުރިއަށް އޮތް ހަފްތާގައި ބުންޑަސްލީގާ ފެށުމަށް ތައްޔާރުވަމުން އަންނައިރު، ބާކީ ހުރި މެޗުތައް ކުޅުމަށްހަމަޖެހިފައިވަނީ ސަޕޯޓަރުން ނުވައްދާކަމަށްވާއިރު، ހުރިހާ ކުޅުންތެރިން ވެސް އަންގާފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން އަމަލުކުރަން ޖެހެއެވެ. އެގޮތުން، ކުޅުންތެރިންނަށް ވެސް ދެވޭނީ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނަށްކަން ވަނީ އަންގާފައެވެ. އަދި ސަރުކާރުގެ އެންގުންތަކާ ހިލާފުވާ ކުޅުންތެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަން ޑީއެފްއެލް އަށް ވަނީ އަންގާފައެވެ.