English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ އަދިވެސް ސަރުކާރު ހިންގާ ޕީޕީއެމް އާއި އެމްޑީއޭ އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.

އިދިކޮޅު މެންބަރުންގެ އިހްތިޖާޖް އާއި މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ޕީޕީއެމްގެ 43 މެންބަރުންނާއި އެމްޑީއޭގެ 5 މެންބަރުން އެބަތިއްބެވި ކަމަށެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ 48 މެންބަރުން މަޖިލީހުގައި އެބަތިއްބެވިކަމަށެވެ.

ނިހާން ވިދާޅުވ އިދިކޮޅު އެމްޑީޕީގައި ތިއްބެވީ 21 މެންބަރުންނެވެ. ޖުމްހޫރީ ޕާޓީގައި 7 މެންބަރުން އަދާލަތު ޕާޓީގައި އެއްމެންބަރު އަދި މިނިވަން މެންބަރުންގެ ގޮތުގައި ދެމެންބަރުން އެބަތިއްބެވި ކަމަށް ވެސް ނިހާން ވިދާޅުވިއެވެ. އެހެންކަމުން އިދިކޮޅު ހުރިހާ މެންބަރުން އެއްކުރުމުން ހަމަވަނީ 31 މެންބަރުންނެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލިހުގެ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖެއްސެވުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު ހަމަޖެއްސެވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ދާއިމީ ކޮމެޓީ އަށް ފޮނުވުމެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން އެ ބާވަތުގެ ކަންކަން ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީ އަށް ފޮނުވުމަށް މަޖިލިހުގައި ވޯޓު ނަގާކަށް ނުޖެހެއެވެ. ދާއިމީ ކޮމެޓީ އަށް އެ މައްސަލައެއް ފޮނުވިކަން ރިޔާސަތުން އިއުލާން ކުރުމުން އެކަން ނިމޭނެއެވެ.