English Edition
Dhivehi Edition
ދިވެހި ބަހުގެ އެކެޑަމީ - ފޮޓޯ: ގޫގުލް މެޕްސް (އަސްލަމް މުޙައްމަދު)

ޅެން ހަދަން ދަސްކޮށްދޭ އޮންލައިން ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ބަހުގެ އެކެޑަމީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ފުރަބަންދުގައި ގޭގައި ތިބެގެން ޅެން ހަދަން ދަސްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލެވިފައިވާ ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ޅެން ހަދަން ދަސްކޮށް ދިނުމުގެ ކިލާހެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި، އެ ކޯހަކީ އާންމުކޮށް ހުޅުވައިލައިގެން ހުރިހާ އުމުރު ފުރަޔަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކޯހެއް ކަމަށް އެކެޑަމީން ބުނެއެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ އެ ކޯހުގެ މުއްދަތަކީ 20 ގަޑިއިރު ކަމަށާއި، ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މެއި 15 ވަނަ ދުވަހު ކަމަށެވެ. އަދި އެ ކޯސް ފެށުމަށް ބޭނުންވަނީ މަދުވެގެން 25 ބައިވެރިން ކަމަށާއި، އެއީ އެއްވެސް ފީއެއް ނުނަގައި މުޅިން ހިލޭ ކިޔަވައިދޭ ކޯހެއް ކަމަށެވެ.

އެ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯއެއް، މެއި 10 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ވައިބަރު މެދުވެރިކޮށް އެ އެކެޑަމީގެ ނަންބަރު 7986230 އަށް ފޮނުވަން ޖެހޭނެއެވެ.

އެ އެކެޑަމީން ބުނީ އެއީ އޮންލައިންކޮށް ހިންގަން ހަމަޖެހިފައިވާ ކޯހެއް ކަމަށް ވާތީ ކޯހުގައި ބައިވެރިވާން ވާނީ އެފަދަ ވަސީލަތެއް މެދުވެރިކޮށް އުނގެނުމުގެ ފަހިކަން ހުރި ފަރާތްތަކުން ކަމަށެވެ.