English Edition
Dhivehi Edition

މޯލްޑިވްސް ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އައްޑޫސިޓީ ހިތަދޫ ކެމްޕަހުގައި “ކޮފީ ވިތް އަ ލެކްޗަރ” ގެ ނަމުގައި ޚާއްޞަ އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަަމަށް އެ ކެމްޕަހުން ބުނެފިއެވެ. މެއި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދާ މި އިވެންޓަކީ އަންނަ ޖުލައި މަހުގައި އެ ޔުނިވަރސިޓީގައި ފަށާ ކޯސްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ކެރިއަރ ގައިޑެންސް އާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ އިވެންޓެކެވެ. އަލަށް ފަށާ ކޯސްތަކަށް ވަނުމަށް ބޭނުންވާ ދަރިވަރުންނަށް މި އިވެންޓްގެ ތެރޭގައި އެޕްލިކޭޝަން ފޯރމު ފުރިހަމަކޮށްދިނުން ވެސް ކުރިއަށް ދާނެކަމަށް ހިތަދޫ ކެމްޕަހުން ބުނެއެވެ. ޔުނިވަރސިޓީގައި އަލަށް ފަށާ ކޯސްތައް ކޯސްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން އެމްއެންޔޫއިން ގިނަ ހަރަކާތްތަކެއް އައްޑޫގައި ކުރިއަށް ގެންގޮސްފައިވާއިރު، މެއި 6 ވަނަ ދުވަހު ހަވީރު ކެމްޕަހުގެ މުވައްޒަފުންނާއި ދަރިވަރުން ގުޅިގެން ހިތަދޫން ފެށިގެން ގަމާއި ހަމައަށް ސައިކަލު ބުރެއް ވެސް ވަނީ ބާއްވާފައެވެ. މި ބުރުގައި ވަނީ ކޯސްތަކާއި ބެހޭ މައުލޫމާތު ހިމެނޭ ފްލަޔާވެސް ބަހާފައެވެ. މީގެ އިތުރުން ކޯސްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ފޭދޫ ބަދަރުގައި 12 މޭ 2017 ދަވަހުގެ ހަވީރު 16:00 އިން 18:00 އަށް “އެމްއެންޔޫ އާއިއެކު ވަގުތުކޮޅެއް” ގެ ނަމުގައި އިވެންޓެއްވެސް ވަނީ ބާއްވާފައެވެ. މިއަހަރުގެ ޖުލައި މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެޕްލައި ކުރުމުގެ އެންމެ ފަހު ތާރީޚަކީ ޖޫން މަހުގެ 15 ވަނަ ދުވަހެވެ. ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް ކިޔަވަމުން ގެންދާ އެމްއެންޔޫގެ ހިތަދޫ ކެމްޕަހުގައި މިވަގުތު ފުލް ޓައިޕް، ޕާރޓް ޓައިމް އަދި ބްލޮކްމޯޑުގެ އެކި ދާއިރާތަކުގެ ކޯސްތައް ކުރިއަށްގެންދެއެވެ. އެއީ އެޑިއުކޭޝަން، އިންޖިނިއަރިންގ، ވިޔަފާރި، ސިއްހީ، ފަތުރުވެރިކަމުގެ، ދީނީ، އައިޓީ ފަދަ ދާއިރާތަކުގެ ކޯސްތަކެވެ.