ރައީސް ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިކަން ހާމަކުރެއްވި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ކުޅުދުއްފުށި ސީޓީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚެއް އޮޅުންފިލުވުމަށް މެމްބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ޚިދުމަތް ގާއިމްނުކުރެވި 72 ރަށެއް އޮތް ކަމަށާއި އޭގެ ތެރެއިން 25 ރަށެއްގަ މިހާރު ވާނީ ފުލުހުންގެ ޚިދުމަތް ފެށިފައި ކަމަށެވެ.
ކުޅުދުއްފުއްޓަކީ މިހާރުވެސް ފުލުހުންގެ ޚިދުމަތް ގާއިމްކުރެވިފަ އޮތް ރަށެއް. އެގޮތަށް ފުލުހުންގެ ޚިދުމަތް ގާއިމްވެފަ ހުރި ރަށްތަކުގެ ހުރި ޕޮލިސް އިންފްރާސްޓްރަކްޗަރ މިހާރަށް ވުރެ ރަނގަޅު ފެންވަރަކަށް ގާއިމްކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން މިހާރު އެކުލަވާލަމުންމިދަނީ. މިގޮތުން 115 ރަށެއްގެ ޕޮލިސް ސްޓޭޝަންތަކެއްގެ އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ބަހާލައިގެން ދައުލަތުގެ ބަޖެޓުން ޖާގަދޭ ވަރަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުންދާނެ ކަންކަން.
ވަކިވަކި ޕްރޮޖެކްޓުތަކުގެ މަސައްކަތް ފަށާނެ ތާރީޚް ދަންނަވަން އަދި ދަތިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ކުރިއަށްގެންދާނެ ވަކި ތަރުތީބެއް އެބައޮތް ކަމަށާއި ތަންތަނުގެ ހާލަތަށް ބަލާފަ ވަކި ޚާއްސަ އިސްކަމެއް ދޭންޖެހޭ ތަންތަނަށް އިސްކަން ދެއްވަމުންގެންދަވާ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު ވަނީ އައިޑީ ކާޑްގެ ޚިދުމަތް ކުޅުދުއްފުށި ސިޓީން ލިބޭނީ ކޮންއިރަކުތޯ އައްސަވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެމަގުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައިި ރަނގަޅު ނިޒާމެއް އެކުލަވާލާ ބައެއް އަތޮޅުތަކުގަ އައިޑީ ކާޑުގެ ޚިދުމަތް ފަށާފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ކުޅުދުއްފުށި ސިޓީގައި އައިޑީ ކާޑުގެ ޚިދުމަތް ފަށަން ކަނޑައަޅާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އައިޑީ ކާޑްގެ ޚިދުމަތް ދިނުމަށް ގާތްގަނޑަކަށް އެއްލައްކަ ވިހި ހާސް ރުފިޔާ ޚަރަދުވާއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ޚިދުމަތް ދިނުމަށް މިދަނީ މަސައްކަތް ކުރަމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހދ. ކުޅުދުއްފުއްޓަކީވެސް އައިޑީ ކާޑުގެ ޚިދުމަތް ފައްޓަން ނިންމާފައިވާ ރަށެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ޓައިމްލައިނަށް ވުރެ ކުރިން އައިޑީ ކާޑުގެ ޚިދުމަތް ފައްޓަވަން ބޭނުންވާނަމަ ސިޓީ ކައުންސިލުން އެދިވަޑައިގެންފިނަމަ އެ ބޭނުންވާ މައުލޫމާތު އަޅުގަނޑުމެން ހިއްސާކުރާނަން. އެއަށްފަހު އެތަކެތި ހޯއްދަވައިދެއްވީމަ އަޅުގަނޑުމެން އެ ޚިދުމަތް ފަށާނަން.
ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދިނުމަކީ ޚަރަދުބޮޑު ނަމަވެސް ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ޚިދުމަތެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މިހާރު އަވަހަށް އައިޑީކާޑު ހައްދަން ޖެހޭނަމަ އަންނަން ޖެހޭނީ މާލެ ކަމަށާއި ރަށްރަށުގައި މި ޚިދުމަތް ފެށުމުން ރައްޔިތުންގެ އަތުން ހޭދަވާ ޚަރަދު ކުޑަކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅަކީ ލާމަރުކަޒީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި އެހެންކަމުން އައިޑީކާޑު ޚިދުމަތުގެ އިތުރުންވެސް ދާޚިލީ ވުޒާރާގެ އެހެނިހެން ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ރައްޔިތުންނާ ގާތުން ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.