English Edition
Dhivehi Edition

ސައުތު އޭޝިއާ ލާޑްލީ މީޑިއާ އެންޑް އެޑްވަޓައިޒިން އެވޯޑްސް ފޯ ޖެންޑަރ ސެންސިޓިވިޓީ (ސަލްމާގްސް) އިން ދޭ އެވޯޑު ރާއްޖޭގެ ދެ ނޫސްވެރިއަކަށް ލިބިއްޖެއެވެ.

އިންޑިއާގެ މުމްބާއީގައި ރޭ ބޭއްވި ޚާއްޞަ ޙަފުލާގައި އިންޑިއާ ފިޔަވައި އެހެނިހެން ކޮންމެ ޤައުމަކުންވެސް ދެ ފަރާތަކަށް އެވޯޑު ދީފައިވާއިރު، ރާއްޖެއިން މި އެވޯޑު ހާސިލުކޮށްފައިވަނީ އޭއޯ ނިއުސްގެ އެޑިޓަރު އަދި މަޝްހޫރު ނޫސްވެރިޔާ، ޢާއިޝަތު މުހައްމަދު އަދި ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯގެ ސީއީއޯގެ މަގާމުގައި ހުންނެވި ޒަމްޢަތު އަޙްމަދު ވަޙީދުއަށެވެ.

ސަލްމާގްސް އަކީ ޖިންސާމެދު ޢާންމުން ދެކޭ ގޮތް ބައްޓަންކޮށް އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމުގައި މީޑިއާއިން އަދާކުރާ ރޯލު ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއީ ބައިނަލްއަގްވާމީ މީޑިއާގައި ޖެންޑަރ ސެންސިޓިވިޓީ ކުރިއެރުވުމަށް ފާއިތުވި 20 އަހަރު މަސައްކަތްކޮށްފައިވާ، މުމްބާއީގެ ޖަމުޢިއްޔާއެއް ކަމަށްވާ ޕޮޕިއުލޭޝަން ފަސްޓުން އިސްނަގައިގެން ދޭ އެވޯޑެކެވެ.

މި އެވޯޑަކީ މިންތީގެ ހަމަހަމަކަމާމެދު ޢާންމުން ދެކޭ ގޮތް ބައްޓަންކޮށް އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމުގައި މީޑިއާއިން އަދާކުރާ ރޯލު ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މިއީ މި އެވޯޑު ދޭ 4 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ދެ އަހަރު މި އެވޯޑު ދީފައިވަނީ އިންޑިއާގެ ނޫސްވެރިންނަށެވެ. ނަމަވެސް މިދިޔަ އަހަރު މި އެވޯޑުގައި އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ޤައުމުތައް ކަމަށްވާ ޕާކިސްތާނާއި، އަފްޣާނިސްތާނާއި، ސްރީލަންކާއާއި، ނޭޕަލް އަދި ބަންގްލަދޭޝް، ބޫޓާން އަދި ދިވެހިރާއްޖޭގެ މީޑިއާތައް ހިމެނިފައިވެއެވެ. ދެކުނު އޭޝިއާގެ ބައިން މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ ސައުތު އޭޝިއަން ވިމެން އިން މީޑިއާ(ސްވަމް) ގެ ޖޫރީ ޕެނަލަކުންނެވެ. މި ޓީމްގައި ދިވެހިރާއްޖެ ތަމްސީލްކޮށްދެއްވާނީ ސްވަމްގެ ރާއްޖޭގެ ކައުންސިލް މެމްބަރ، އޭއޯ ނިއުސްގެ ސީ.އީ.އޯ، ޝިމްލާ އަޙުމަދެވެ.

ފާއިތުވި އަހަރުތަކުގައި ވެސް މި އެވޯޑަށް ޔޫ.އެން.އެފް.ޕީ.އޭގެ އެހީތެރިކަން ލިބިފައިވާއިރު އޭޝިއަން ފެޑެރޭޝަން އޮފް އެޑްވަޓައިޒިންގ އެސޯސިއޭޝަންސް އާއި ސައުތު އޭޝިއަން ވިމެން އިން މީޑިއާ އަކީ މިއަހަރުގެ ވެސް މި އެވޯޑުގެ ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ފަރާތްތަކެވެ.