English Edition
Dhivehi Edition
ފަރުމަސްވެރިކަން ކުރާ ފަރާތްތަކާއި މިނިސްޓަރު ބައްދަލުކުރެއްވުން ފޮޓޯ: ފިޝަރީސް މިނިސްޓްރީ

ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގެ ގޮތުން ދޫކުރާ ލޯނުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވިގެން ދާނެކަމަށް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގެ ގޮތުން ދޫކުރާ ލޯނު ލިބުނު ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މިއަދު ހުޅުވާލެވުނު ލޯނަކީ ކަނޑުރޯދިން ނަފާ ހޯދާ ފަރާތްތަކަށް ފަހި ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމެއް ކަމަށެވެ. މިއަދު ހުޅުވާލެވުނު ލޯނަކީ އާންމު ފަރުދުންނަށް އަތްލެވޭ ވަރަށް ލުއިކޮށް ފަސޭހައިން ލިބޭނެ ލޯނެއްކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކަށް މި ލޯނަށް އެދުމުގެ މަގުފަހިވެގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވާލެވިގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅިވިއެވެ.

ފަރުމަހުގެ މަސްވެރިކަން ތަރައްޤީކުރުމަށް މަސްވެރި ވުޒާރާއާއި އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކަނޑުފަޅުނަފާ ޕްރޮގްރާމްގް ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލީ މިއަހަރުގެ ފެބްރުވަރީ މަހު 16 ވަނަ ދުވަހު ށ. ކޮމަނޑޫގައި ބޭއްވި ރަސްމިއްޔާތުގައެވެ. މިލޯނަށް ކަނޑައަޅާފައިވާ އަދަދަކީ 20 މިލިއަން ރުފިޔާ ނަމަވެސް ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގިނަކަމުން ވީހާވެސް ގިނަ ފަރާތްތަކަކަށް ލޯނު ހަމަޖައްސައިދިނުމަށް އިތުރު 10 މިލިއަން މިލޯނަށް އިތުރުކޮށް 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފަރުމަހުގެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި 30 އެޕްރީލް 2024އަށް ހަމަވިއިރު 121 ފަރާތަކުންވަނީ ލޯނަށް ހުށަހަޅާފައެވެ.

މިލޯނު ފުރުސަތުގެ ދަށުން 62 ފަރާތެއްގެ ލޯނު ދިނުމަށް ނިންމާ މިއަދާއަހަމަށް 37 ފަރާތެއްގެ ލޯނުވަނީ އެޕްރޫވްކޮށްފައެވެ. އަދި މިއަދާ ހަމައަށް 20 ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްޓް ވަނީ ދީފައެވެ.