English Edition
Dhivehi Edition

ރާއްޖެއިން އިތުރު 06 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިރޭ އެންމެ ފަހުން ޕޮޒިޓިވްވެފައި މިވަނީ 02 ދިވެހިންނާއި 04 ބަންގްލަދޭޝް މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 360 ބިދޭސީންނާއި 191 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 282 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.

އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 18 މީހަކު މިހާތަނަށް ރަނގަޅުވެފައިވާއިރު، އެ ބަލީގައި ރާއްޖެއިން އެކަކު ވަނީ މަރުވެފަ އެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މީގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫ އާއި ހއ. ތަކަންދޫ އަދި މަނަދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަމަހައްޓަން ނިންމައިފަ އެވެ.