ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 545 އަށް އަރައިފި އެވެ.
ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ގެނެސްދިނުމަށް ހެލްތު މިނިސްޓްރީން ޤާއިމްކޮށްފައިވާ ޑޭޝްބޯޑްގައިވާ ގޮތުން މިރޭ އެންމެ ފަހުން ޕޮޒިޓިވްވެފައި ވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ. އަދި އެ އެންމެންނަކީވެސް ފިރިހެނުން ކަމަށްވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ 545 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން 356 ބިދޭސީންނާއި 189 ދިވެހިން ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. އަދި ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ޖުމްލަ 278 ބަންގްލަދޭޝް މީހުން ވަނީ އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެފަ އެވެ.
އަދި ރާއްޖެއިން މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ފިރިހެނުންކަންވެސް ފާހަގަކޮށްލެވެއެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 18 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މާރިޗު 07 ގައި ނަމަވެސް، މާލެ ސަރަޙައްދުން ކޮވިޑް-19 ފެނުނީ މި ހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. މީގެ އިތުރުން ހއ. އުލިގަމާއި، ށ. ނަރުދޫ އާއި ށ. މިލަންދޫ އާއި ހއ. ތަކަންދޫ އަދި މަނަދޫންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، އެޗްޕީއޭ އިން ވަނީ ފުރަބަންދުގެ މުއްދަތު އިތުރު 14 ދުވަހަށް ދަމަހައްޓަން ނިންމައިފަ އެވެ.