English Edition
Dhivehi Edition

ފިލްމީ ދާއިރާއިން މުޅި ދުނިޔޭގައިވެސް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާސް އިން ވަނީ ދާދިފަހުން އެވޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން އިޢުލާންކޮށްފަ އެވެ.

އެގޮތުން އެކެޑެމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސަސްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މި އަހަރުގެ އެވޯޑަށް، ސްޓްރީމް ކުރާ ޕްލެޓްފޯމްތަކުގައި ރިލީޒްކުރާ ފިލްމްތައްވެސް ބައިވެރި ކުރެވޭނެ ކަމަށެވެ. ނަމަވެސް އެފަދަ ފިލްމްތައް އޮސްކާސްގައި ބައިވެރި ކުރެވޭނީ މިފަހަރު އެކަންޏެވެ.

މީގެ އިތުރުން މީގެ ފަހުން ސައުންޑް މިކްސިންގ އަދި ސައުންޑް އެޑިޓިންގ، މި ދެ ކެޓަގަރީ އެއްކޮށްލުމަށްފަހު ‘ބެސްޓް ސައުންޑް’ގެ ނަމުގައި އެއް އެވޯޑް ދިނުމަށްވެސް އެކެޑެމީ އިން ވަނީ ނިންމައިފަ އެވެ.

މި ބަދަލުތައް ގެނެސްފައި މިވަނީ ކޮރޯނާވައިރަސް ޕެންޑަމިކާއި ގުޅިގެން ފިލްމީ ދާއިރާއަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވުމާ ގުޅިގެންނެވެ.

2020 ވަނަ އަހަރު ނެރޭ އެންމެ މޮޅު ފިލްމްތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ 93 ވަނަ އެކެޑެމީ އެވޯޑްސް ނުވަތަ އޮސްކާސް އޮންނާނީ 28 ފެބުރުވަރީ 2021 ވަނަ ދުވަހު ލޮސް އެންޖެލިސްގެ ހޮލީވުޑްގައި ހުންނަ ޑޮލްބީ ތިއޭޓަރުގަ އެވެ.