English Edition
Dhivehi Edition
ޓޮމް ކްރޫޒް، 'މިޝަން؛ އިމްޕޮސިބަލް' ސީރީސްގެ ފިލްމެއްގެ އެކްޝަން މަންޒަރެއްގައި - ފޮޓޯ: ޔޫޓީވީ ޕާކިސްތާން

‘މިޝަން: އިމްޕޮސިބަލް 7’ އަދި ‘މިޝަން: އިމްޕޮސިބަލް 8’ ރިލީޒްކުރުން ޕެރަމައުންޓް ޕިކްޗާސް އިން ފަސްކޮށްފި އެވެ. އޭގެ މާނައަކީ އެ ފްރެންޗައިޒްގެ އަށްވަނަ ފިލްމް 2022 ވަނަ އަހަރު ނެރޭއިރު، ފިލްމްގެ ލީޑް ރޯލުން ފެނިގެންދާ ޓޮމް ކްރޫޒްގެ އުމުރުން ހުންނާނީ 60 އަހަރު ފުރިފައެވެ.

އެ ފްރެންޗައިޒްގެ ހަތްވަނަ ފިލްމް 23 ޖުލައި 2021 ގައި ނެރުމަށް ހަމަޖެހިފައިވީ ނަމަވެސް، މިހާރު އެ ފިލްމް ރިލީޒްކުރާނީ 19 ނޮވެމްބަރު 2021 ގައެވެ.

އަދި “ވެރައިޓީ” އިން ރިޕޯޓްކުރާ ގޮތުގައި 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 05 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައި އޮތް ފްރެންޗައިޒްގެ އަށްވަނަ ފިލްމް މިހާރު ވަނީ 04 ނޮވެންބަރު 2022 ގައި ރިލީޒްކުރާ ގޮތަށް ފަސްކޮށްފަ އެވެ.

ބްރަޔަން ދި ޕާމާ ޑައިރެކްޓްކުރި ‘މިޝަން؛ އިމްޕޮސިބަލް’ ފްރެންޗައިޒްގެ ފުރަތަމަ ފިލްމް ނެރުނީ 1996 ވަނަ އަހަރު އެވެ. އެ ފްރެންޗައިޒްގައި ޓޮމް ކްރޫޒް ފެނިގެންދަނީ އީތަން ހަންޓް ނަމަކަށް ކިޔާ ސުޕާސްޕައިއެއް ނުވަތަ ޖާސޫސެއްގެ ރޯލުންނެވެ. އެހެންކަމުން އަށްވަނަ ފިލްމް ނެރޭއިރު، ކްރޫޒް އެ ކެރެކްޓާ ކުޅޭތާ 26 އަހަރުވެދާނެ އެވެ.

ކޮރޯނާވައިރަސް ޕެންޑެމިކްގެ ސަބަބުން ހަތްވަނަ މިޝަން އިމްޕޮސިބަލް ފިލްމްގެ ޝޫޓިންގ މެދުކަނޑާލާފައިވާއިރު، ފިލްމްގެ މައިގަނޑު އެއް އެކްޝަން މަންޒަރު ކުޅުމަށް ހަމަޖެހިފައި އޮތީ އިޓަލީވިލާތުގަ އެވެ. އެހެންނަމަވެސް އިޓަލީ އަކީ ކޮރޯނާވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމު ކަމަށްވާތީ، މިހާރު އެ މަންޒަރު އެހެން ގޮތަކަށް ނެގުމާމެދު ދަނީ ވިސްނަމުންނެވެ. ކޮރޯނާވައިރަސްގެ ސަބަބުން ފިލްމްގެ ޝޫޓިން މެދުކަނޑާލީ ފެބުރުވަރީ މަހުގެ ފަހުކޮޅު އިޓަލީގެ ވެނިސްގައި ފިލްމްގެ ޝޫޓިންގ ފެށުމަށް ކްރޫޒް ތައްޔާރުވެފައި ވަނިކޮށެވެ.

މިޝަން އިމްޕޮސިބަލް ސީރީސްގެ ފަސްވަނަ އަދި ހަވަނަ ފިލްމް ޑައިރެކްޓްކުރި ކްރިސްޓޮފަރ މެކްކުއަރީގެ އިރުޝާދުގެ ދަށުން ހަތްވަނަ ފިލްމާއި އަށްވަނަ ފިލްމްގެ ޝޫޓިންގ ކުރުމަށް ހަމަޖެހިފައި އޮތީ ދެ ފިލްމްގެ ދެމެދުގައި މެދުކެނޑުމެއްނެތި ޖެހިޖެހިގެންނެވެ.

އެ ސީރީސްގެ ‘މިޝަން: އިމްޕޮސިބަލް – ރޯގް ނޭޝަން’ އަށް 93%ގެ ރޮޓެން ޓޮމާޓޯސް ރޭޓިންގ އަކާއެކު ބޮކްސް އޮފީހުގައި 682 މިލިއަން ޑޮލަރު ލިބިފައިވާއިރު، ‘މިޝަން؛ އިމްޕޮސިބަލް – ފޯލްއައުޓް’ އަށް ވަނީ ރޮޓެން ޓޮމާޓޯސްގައި 97%ގެ ރޭޓިންގ އަކާއެކު 791 މިލިއަން ޑޮލަރު ހޯދައިފަ އެވެ.