English Edition
Dhivehi Edition
ހެރެތެރެ ރިސޯޓް/މިތަނުގައި ވަނީ މާލޭން ގެންނަ މީހުން ކަރަންޓީން ކުރުމަށް ނިންމާފަ

މާލޭގައި ތާށި ވެފައިތިބި އައްޑުއާއި ފުވައްމުލަކުގެ ރައްޔިތުންގެ ތެރެއިން 50 މީހުން މިރޭ ދަންވަރުގެ ވަގުތެއްގައި އައްޑުއަށް އަންނާނެ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު ވިދާޅުވެއްޖެއެވެ.

މިމީހުން އެމްއެންޑީއެފް ގެ ބެލުމުގެ ދަށުން ގެންދަން ހަމަޖެހިފައިވަނީ ހެރެތެރެ/ކެނެރީފް ކަރަންޓީން ފެސިލިޓީއަށެވެ. ކަރަންޓީންގެ މުއްދަތު ފުރިހަމަ ވަންދެން އެމީހުން ތިބޭނީ އެތަނުގައެވެ. ކަރަންޓީންގެ މުއްދަތަކީ 14 ދުވަހެވެ. 14 ދުވަސް ހަމަވުމުންވެސް ކަރަންޓީނުން ދޫކޮށްލާނީ ކޮވިޑް 19 އަށް ޓެސްޓް ކުރުމަށްފަހު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވިކަން ޔަޤީން ކޮށްފައިކަމަށް އައްޑޫސިޓީގެ މޭޔަރ ސޯބެ ވަނީ ވިދާޅުވެފައެވެ.

ރިސޯޓްތަކާއި އެކި އެކި ކަންކަމުގައި ކުރު މުއްދަތަށް މާލެއާއި އެހެން ރަށްރަށަށް ދިޔަ ތަނުން ފުރަބަންދުވެ އެތަންތާ ތާށިވެފައިވާ 477 މީހުން މިހާތަނަށް އައްޑުއަށް އަންނަން އެދި ނަންނޯޓް ކޮށްފައިވެއެވެ. މިފަރާތްތަކުގެ ތެރެއިން އިސްކަން ދޭނެ ތަރުތީބު ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން ވަނީ އެކުލަވާލާފައެވެ. އެއުސޫލުގައިވާގޮތުން އެންމެ އިސްކަމެއްދީފައިވަނީ އާސަންދަ ނުވަތަ އެންސްޕާ އިން މާލެ ގެނެސް ނުފުރިފައިވާ ފަރާތްތަކެވެ.

ދެން އެންމެ އިސްކަމެއް ދެނީ 5 އަހަރުންދަށުގެ ކުޑަކުދިންނާއެކު ބޭސްފަރުވާއަށް މާލެ ދިޔަ ފަރާތްތަކާއި ވިހެއުމަށް މާލެ ގޮސްފައިވާ އަންހެނުންނާއި ޢާއިލާ މީހުންނެވެ. އޭގެ ފަހުން 65 އަހަރުންގެ ބަލި މީހުންނަށް އިސްކަން ދީފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެހީތެރިންގެ ނަން ހިމަނާފައިވެއެވެ. މިކުދިންނަށް ފަހު ދެން އިސްކަން ދީފައިވަނީ ދާއިމީ ބައްޔަށް ބޭސް ކުރާ ފަރާތްތަކަށެވެ. އޭގެ ފަހުގައި ރަށަށް ދިއުމަށް ކުރިން ޓިކެޓް ނަގާފައިވާ ފަރާތްތަކަށާއި ރާއްޖެއަށް ބޭރުން އައިސް ކަރަންޓީން ހަމަކޮށްފައިވާ ކިޔަވާ ކުދިން ހިމެނެއެވެ.

މި އުސޫލުގައިވާ ގޮތުން ދެން އިސްކަން ދެނީ ވަޒީފާ އަދާ ކުރަމުންގެންދާ ރިސޯޓު ފުރަ ބަންދު ކުރުމުން ނުވަތަ ރިސޯޓު ވަގުތީ ގޮތުން ބަންދު ކުރުމާއި ގުޅިގެން ރަށަށް ދިއުމަށްޓަކައި މާލެ އައިސްފައިވާ ފަރާތްތަކާއި ޖަލު ހުކުމް ތަންފީޒުކުރުމަށްފަހު މާލެ އައިސްފައިވާ ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ނުފުރި ޙާލުގައި ޖެހިފައިވާ ފަރާތްތަކާއި އެހެނިހެން ބޭނުންތަކާއި ގުޅިގެން ރަށަށް ދާންބޭނުންވާ ފަރާތްތަކެވެ.

އަމިއްލަ ރަށަށް ދިއުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއަށް ނުވަތަ މާލެ ސިޓީ ކައުންސިލުގެ އިދާރާ ނުވަތަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އަށް ކުރިން ރިޕޯޓްކޮށްފައި ނުވާ ފަރާތްތައް 1412 އަށް ރިޕޯޓުކުރަމުން ގެންދިއުމަށްވެސް ޑީޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ ވަނީ ޢާއްމުކޮށް އަންގާފައެވެ.