ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިހާބީ މަގާމެއްގެ ދައުރު، ގާނޫނު އަސާސީ އިސްލާހުނުކޮށް ގާނޫނަކުން އެ ކަން ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އާ ލޯކަލް ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ވަގުތީ ގާނޫނުގެ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއްކަމަށެވެ. މި ގޮތުން ރޮޒައިނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ކަމަށް ވުމުން މަޖިލީހުގެ އާންމު އަޣުލަބިއްޔަތަކުން އާންމު ގާނޫނެއް ފާސްކުރެވޭ ކަމަށެވެ.
މީގެ އިތުރުން ރޮޒައިނާ ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ދިގުދެމިގެންދާނެ މުއްދަތެއް އަދިވެސް ޔަގީން ނުވާ ކަމަށާއި އެތައް އަހަރަކަށް މި މުއްދަތު ދެމިގެން ގޮސްފިނަމަ ދެން ވެސް މަޖިލީހުން ގާނޫނު އަސާސީން އިސްލާހު ކުރަން ޖެހޭ ހާލަތްތަކުގައި އެ ކަން ނުކޮށް ތިބޭނީތޯ ވިދާޅުވެ ސުވާލު ކުރައްވާފަ އެވެ. ރޮޒައިނާގެ ވާހަކަތަކާއި ގުޅިގެން މެންބަރު ހަސަން ލަތީފު ވިދާޅުވީ ގާނޫނު އަސާސީގައި އުފެދިފައި ނެތް ހާލަތެއްގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރާ ކަމެއްކަމަށާއި އެއީ ރާއްޖޭގެ ގާނޫނު އަސާސީން ދީފައިވާ ޖާގައެއް ކަމަށެވެ.