English Edition
Dhivehi Edition

ރަޝިޔާ އިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 10،633 އަށް އަރައިފިއެވެ.

ރަޝިޔާގެ މިހާރުގެ ހާލަތަށް ބަލާއިރު، ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެ ގައުމުން އެވްރެޖްކޮށް ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އޭގެނަތީޖާއެއްގެ ގޮތުން، މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 134،687 އަށް އަރައިފައެވެ.

މީގެއިތުރުން، އެގައުމުގައި އެންމެފަހުން ބަލިޖެހުނު މީހުންގެ ތެރެއިން 50 އިންސައްތަ މީހުންގެ ކިބައިން އެއްވެސް ކަހަލަ އަލާމާތެއް ފެނިފައިނުވާކަމަށް ވެސް ކޮވިޑް-19 އަށް ހާއްސަ ހެޑްކުއާޓާޒް އިން ނެރުނު ބަޔާނެއްގައިވެއެވެ. އަދި މިވަގުތު ހާލުބޮޑުވެގެން އައިސީޔޫގައި 2،300 އެއްހާ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.

މިދިޔަ މާރިޗް މަހުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ އެ ގައުމުގެ ރައްޔިތުންނާ މުހާތަބްކޮށް ވާހަކަ ދެއްކެވިއިރު، މި ބަލިމަޑުކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް ބުނެފައެވެ. މީގެއިތުރުން، އޭރު އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވާ ގައުމުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ރަޝިޔާ އިން ވަނީ ސިއްހީގޮތުން ބޭނުންކުރާނެ ސާމާނުތައް ފޯރުކޮށްދީފައެވެ.

އެހެންނަމަވެސް، އޭގެފަހުން މިދިޔަ އޭޕްރީލް މަހުގައި ރައީސް ޕުޓިން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ހުރިހާ ކަމެއް މިހާރު މުޅިން ރަޝިޔާގައި ބަދަލުވެފައިވާކަމަށާއި، މި ހާލަތަށް އެންމެ ރަނގަޅަށް ތައްޔާރުވެވިފައިނުވާކަމަށް ބުނެފައެވެ. އަދި މިކަމުން އަރައިގަތުމަށް ހުރިހާ އެންމެން މަސައްކަތްކުރުމަށް ގޮވާލައި، މި ބަލިމަޑުކަމުގައި އެ ގައުމު ޕީކަށް ނުދާކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެ ގައުމުން މިހާތަނަށް ބަލިޖެހުނު މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މީހުން ނިސްބަތްވަނީ އެންމެ ހާލަތު ގޯސްކޮށް އުޅޭ މޮސްކޯ އަށެވެ. އަދި ރަޝިޔާގައި މި ބަލިޖެހިގެން 1،280 މީހުން މަރުވެފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް 50 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި އެ ގައުމުން 16،639 މީހުން މިހާތަނަށް ރަނގަޅުވެފައިވާކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މުޅި ދުނިޔެ އިން މިހާތަނަށް 3.5 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވެފައި ވަނީ 246،926 މީހުންނެވެ. އަދި މި ބަލީގައި މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 1،144،020 އެވެ.