ލިޔުއްވެވީ: ފަޟީލަތުއް ޝައިޚް ޙުސައިން ނަޝާތު އިބްރާހިމް (އަލްފަޖްރު ގުރޫޕް)
ރޯދަމަހުގެ ފަހު ދިހައެއްގައި ރައްކާތެރިވާންވީ ބައެއް މުހިއްމު ކަންކަން:
1- ޙަރަމްފުޅުގައި (މިސްކިތުގައި) ވީހާ ވެސް ގިނަ ވަގުތު ހޭދަކުރުމާއި މިސްކިތަށް ވަންނަ ކޮންމެ ފަހަރަކު އިޢުތިކާފަށް ހުރުމަށް ނިޔަތް ގަތުން
2- ފަރުޟު ނަމާދުތައް އޭގެ ވަގުތުގައި ޖަމާޢަތުގައި ކުރުން (ޚާއްޞަކޮށް ޢިޝާ ނަމާދާއި ފަތިސް ނަމާދު)
3- ހުރިހާ ސުންނަތް ނަމާދުތަކަށް ވެސް ރައްކާތެރިވުން (ޚާއްޞަކޮށް ތަރާވީޙާއި ދަމުނަމާދު)
4- ވީހާވެސް ގިނަޔަކުން ހެޔޮދުޢާ ކުރުން (ޚާއްޞަކޮށް اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ – މި ދުޢާ)
5- ވީހާ ވެސް ގިނަޔަކުން ކީރިތި ޤުރްއާން ކިޔަވައި ފަހު 10 ގެ ތެރޭގައި ޚަތިމެއް ކުރެވޭތޯ ބެލުން، އަދި ޚަތިމުކުރުމަށް ފަހު ވީހާ ވެސް ގިނަޔަކުން ހެޔޮ ދުޢާ ކުރުން
6- އެއަޅުކަންތަކަކަށް މުޅި ރޭ އަޅުކަން ކުރިހާ ސަވާބު ދެއްވާ އަންނަނިވި ކަންކަމަށް ފަރުވާތެރިވުން:
(ހ) ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުން
(ށ) ޤުރްއާނުން 100 އާޔަތް ކިޔެވުން (އަލްވާޤިޢާ އަދި އިލްއިޚްލާޞް ކިޔަވަނީނަމަ 5 މިނިޓުން މިކަން ކުރެވޭނެ)
(ނ) ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގަ ކުރުން (އަންހެން ކަނބަލުން ގޭގައި ކުރާނަމަ ބަންގި ގޮވުމަށް ފަހު ފަސްނުކޮށް ކުރުން)
(ރ) ތަރާވީޙް ނަމާދާއި ދަމުނަމާދުގެ ޖަމާޢަތް ފެށިގެން ނިމެންދެން ފުރިހަމަޔަށް ބައިވެރިވުން
7- ވީވަރަކުން ޞަދަޤާތްކޮށް އެހެން މީހުންނަށް ހެޔޮފޯރުވުން (ރޯދަމަސް ނޫނަސް ﷲ އަށްޓަކައި ކުރެވޭ ކޮންމެ ޞަދަޤާތެއް 700 ގުނަ އިތުރުކޮށްދެއްވާ ކަމާއި، މުސްލިމެއްގެ ޙަލާލު ބޭނުމެއްގައި އޭނާޔަށް އެހީތެރިވުން މަސްޖިދުއްނަބަވީގައި 1 މަސްދުވަހަށް އިޢުތިކާފަށް ހުރުމަށް ވުރެ ހެޔޮކަން ބޮޑުކަމަށް އަންގަވައިފައި ވޭ. ވީއިރު ރޯދަމަހު ލިބޭ އަޖުރު އަދި މާ ބޮޑުވާނެ. މިސްކިތްތަކަށް ޚަތިމާއި، ގޮނޑި އަދި ވީލްޗެއަރ ފަދަ ތަކެތި ވަޤުފުކޮށް، އޭގެ މަންފާ ދެމިގެންވާ ފަދަ ޞަދަޤާތްތައް ކުރުން ޞަދަޤާތްތަކުގެ ތެރެއިން ވެސް އިސްވެގެންވޭ.)
8- އިޚްލާޞްތެރި ތައުބާއަކުން ތައުބާވެގެން ވާ ޙާލު ފަހު 10 ފަށައި، ހެޔޮ ޢަމަލުތައް ގިނަކޮށް ނުބައި ޢަމަލުތަކުން ދުރުހެލިވުން (ކުރެވިދާނެ އެންމެ ބޮޑު އެއް ހެޔޮ ޢަމަލަކީ މީސްތަކުންނަށް ރޯދަވީއްލުން ދީ އެބައިމީހުން ހިފާ ރޯދައިގެ ސަވާބު ވެސް ތިބާގެ ހެޔޮކަމުގެ ފަތަށް ޖަމާކުރުން. އެންމެ އިސްވެގެން ވަނީ މައިންބަފައިންނާއި އެމީހެއްގެ ޢާއިލާ މީހުންނަށް ހެޔޮފޯރުވުން. އަދި ހެޔޮ ނަސޭހަތްދީ ހެޔޮކަންކަން އުނގަންނައިދީ ދަސްކޮށްދިނުމުގެ ހެޔޮކަން ވެސް ބޮޑުވެގެންވޭ.)