English Edition
Dhivehi Edition

ލިޔުއްވެވީ: ފަޟީލަތުއް ޝައިޚް ޙުސައިން ނަޝާތު އިބްރާހިމް (އަލްފަޖްރު ގުރޫޕް)

ލައިލަތުލް ޤަދްރިވިލޭރޭގެ ހެޔޮކަން ލިބިގަތުމަށްޓަކައި ކުރުން އެންމެ އެދެވިގެންވާ އަޅުކަންތަކަކީ ރޭއަޅުކަމުގެ ގޮތުން ނަމާދުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމެވެ. މި 3 ކަންތައް ޖަމާކުރެވޭނޭހެން ރޭއަޅުކަން ކުރުން އިތުރުކަން ބޮޑުވެގެން ވެއެވެ. އަދި ރޭއަޅުކަމުގެ ގޮތުގައި މަދުވެގެން ދެ ރަކުޢަތް ކުރުމުން މަދު މިންވަރު ޙާޞިލުކުރެވޭނެއެވެ.)

1- އެރެއެއްގައި ރޭއަޅުކަން ކުރި ކަމުގެ ޘަވާބު ދެއްވާ ކަމަށް ވާރިދުވެގެންވާ 4 ކަންތައް ކުރުން. އެއީ:
(1) ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔެވުން
(2) ޤުރްއާނުން 100 އާޔަތް ކިޔެވުން (އަލްވާޤިޢާ އަދި އިލްއިޚްލާޞް ކިޔަވަނީނަމަ 5 މިނިޓުން މިކަން ކުރެވޭނެ)
(3) ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކުރުން (އަންހެން ކަނބަލުން ގޭގައި ކުރާނަމަ ބަންގި ގޮވުމަށް ފަހު ފަސްނުކޮށް ކުރުން)
(4) ތަރާވީޙް ނަމާދާއި ދަމުނަމާދުގެ ޖަމާޢަތް ފެށިގެން ނިމެންދެން ފުރިހަމަޔަށް ބައިވެރިވުން

(މިކަންކަން ކުރާ މީހަކަށް އެއް ރެއިން 4 ރޭގެ ރޭއަޅުކަމުގެ ސަވާބު ލިބޭނެކަމަށް ބެލެވޭ އިރު، ލައިލަތުލް ޤަދްރިއާ ދިމާވެއްޖެއްޔާ 1 ލައްކަ ވިހިހާސް އެތައް ރެއެއްގެ ރޭއަޅުކަމުގެ ޘަވާބު ލިބުމުގެ އުންމީދު އެބަ އޮތެވެ. – ޖަމާޢަތުގެ ނަމާދު އާންމު ހާލަތުގައި 27 ގުނަ އިތުރުކޮށްދެއްވައެވެ. ލައިލަތުލް ޤަދްރިއާ ދިމާވެއްޖެއްޔާ، ޖަމާޢަތުގައި ކުރެވޭ ކޮންމެ ނަމާދެއް 8 ލައްކަ ގުނަޔަށް ވުރެ ވެސް އިތުރުވުމުގެ އުންމީދު އެބައޮތެވެ.)

2- ޢިޝާ ނަމާދުގެ ފަހު ސުންނަތަށް ފަހު (ފަތިސް ވަގުތުގެ ކުރިން)، ޢިޝާ ނަމާދު ފަދައިން 4 ރަކުޢަތް ސުންނަތް ނަމާދެއް ކުރުން (މިއީ ލައިލަތުލް ޤަދްރި ވިލޭރޭ 4 ރަކުޢަތް ކުރިހާ ސަވާބު އަހަރުގެ ކޮންމެ ރެއަކު ވެސް ދެއްވާ 4 ރަކުޢަތެވެ. ލައިލަތުލް ޤަދްރި ވިލޭރެއާ ދިމާވެއްޖެއްޔާ 900 މިލިޔަން ގުނަޔަށް ވުރެ އިތުރުވުން އެކަށީގެން ވެއެވެ.)

3- ސޫރަތުލް އިޚްލާޞް މަދުވެގެން 10 ފަހަރު ކިޔެވުން (މި ސޫރަތް 10 ފަހަރު ކިޔެވުމަކީ ސުވަރުގޭގައި އެމީހަކަށް ގަނޑުވަރެއް ދެއްވާނެ ސަބަބެއް ކަމުގައި ވާރިދުވެގެން ވެއެވެ. ލައިލަތުލް ޤަދްރިއާ ދިމާވެއްޖެއްޔާ 30 ހާސް އެތައް ގަނޑުވަރެއް ލިބުމުގެ އުންމީދު އެބައޮތެވެ. އަދި އިޚްލާޞް ސޫރަތް 3 ފަހަރު ކިޔެވުމުން ޚަތިމެއްކުރުމުގެ ޘަވާބު ދެއްވަންޏާ، ލައިލަތުލް ޤަދްރިވިލޭރޭ 10 ފަހަރު މި ސޫރަތް ކިޔައިގެން 1 ލައްކަ އެތައް ޚަތިމެއްކުރުމުގެ ޘަވާބު ލިބޭނެކަމަށް ލަފާކުރެވެއެވެ.)

4- سُـبْـحَانَ اللهِ، اَلْحَمْـدُ لِله، لاَ إِلَهَ إِلاَّ اللهُ އަދި اللهُ أَكْـبَرُ ގިނަގިނައިން ކިޔުން (މިއިން ކޮންމެ ކަލިމައެއް 1 ފަހަރު ކިޔުމުން އެމީހަކަށް 20 ފާފަ ފުއްސެވޭ އިރު، ލައިލަތުލް ޤަދްރިއާ ދިމާވެއްޖެއްޔާ 6 ލައްކަ އެތައް ފާފައެއް ފުއްސެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި މިއިން ކޮންމެ ކަލިމައެއް ކިޔާ ކޮންމެ ފަހަރަކު އާންމު ދުވަސްތަކުގައި ސުވަރުގޭގައި 1 ގަސް އިންދަވައި ދެއްވާއިރު، ލައިލަތުލް ޤަދްރި ވިލޭރޭ އެންމެ ފަހަރަކު ކިޔައިގެން 30 ހާސް އެތައް ގަހެއް އިންދަވައި ދެއްވާނެ ކަމުގެ އުންމީދު އެބަ އޮތެވެ.)

5- ޞަދަޤާތްކުރުން (އާދައިގެ ދުވަސްތަކުގައި ވެސް ﷲ ގެ ވަޖުހުފުޅު އަދައިގެން ކުރެވޭ ޞަދަޤާތަށް 700 ގުނަ ދެއްވާއިރު، ލައިލަތުލް ޤަދްރިއާ ދިމާވެއްޖެއްޔާ އެކުރެވުނު ޞަދަޤާތެއް 21 މިލިޔަން ގުނަޔަށް ވުރެ އިތުރުވުމުގެ އުންމީދު އެބަ އޮތެވެ.)

ނޯޓު: މިއުންމަތުގެ މީހުންނަކީ އުމުރު ކުރު ބަޔަކަށް ވިއެއް ކަމަކު، 10 ޤަރުނު ވަންދެން ދުނިޔޭގައި އުޅުނު ކުރީ އުންމަތްތަކުގެ މީހުންނަށް ވުރެ މާތް ކުރައްވައި، ސުވަރުގޭގައި ވެސް އެންމެ ގިނަ މީހުން ކަމުގައި މިއުންމަތުގެ މީހުން ލައްވައިފައި ވަނީ ﷲގެ ފަޟްލުވަންތަކަމުން މިފަދަ ގިނަ ގުނަތައް ދެއްވައިގެންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅަމެން އެންމެންނަށް ލައިލަތުލް ޤަދްރި ވިލޭރޭގެ ފުއްސެވުމާއި ރުއްސެވުން މިންވަރުކުރައްވައި، މިރޭގެ ގިނަގުނަ ސަވާބާއި ދަރުމަ ޙާޞިލުކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، ހެޔޮކަންކަމުގައި ދެމިތިބުމުގެ ތައުފީޤު ދެއްވާށިއެވެ! އާމީން