މާތްވެގެންވާ ރަމަޟާން މަހާއި ބައްދަލުވާއިރު، ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން، “ރަމަޟާން މަހަށް ތައްޔާރުވަމާ!” “މަރުޙަބާ ރަމަޟާން” ގެ ނަމުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫމް) އާއި އަލްފަޖްރު ފައުންޑޭޝަނުން ގުޅިގެން އައްޑޫސިޓީގައި ދަރުސް ފޯރަމެއް ބޭއްވުމަށް ހަމަޖައްސަވައިފި އެވެ.
ރޫޙާނީގޮތުންނާއި މާއްދީގޮތުން ރަމަޟާން މަހަށް ތައްޔާރުވާނެ ގޮތާއި ގުޅޭގޮތުން އައްޑޫގެ ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8.15 ގައި އައްޑޫ ހައި ސްކޫލުގަ އެވެ.
މި ފޯރަމަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ހުރިހާ ރައްޔިތުންނަށް އައިޔޫއެމުންނާއި އަލްފަޖުރުން ދަޢުވަތު އަރުވައެވެ.

މި ޕްރޮގްރާމުގައި ދީނީ މަޢުލޫމާތު ދެއްވަވާނީ އައިޔޫއެމްގެ ވައިސް ޗާންސެލަރ، އައްޝައިޚް ޑރ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. ދީނީ މައުލޫމާތު ގެ އިތުރުން ދަރުސްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އަލްފަޖްރު ޙައްޖު އެންޑް އުމުރާ ގްރޫޕުން ދެއްވާ އުމުރާ ދަތުރެއްގެ ގުރުއަތު ނެގުންވެސް އޮންނާނެ އެވެ. އަލްފަޖްރު ގުރޫޕުގެ 2026 ޖުލައި މަހުގެ ޢުމްރާ ދަތުރުގައި ޑރ ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ގުރޫޕުން މަޢުލޫމާތު ދެއްވަވައެވެ.
އަލްފަޖްރުން ވިދާޅުވީ މި ދަރުހަކީ އައްޑޫ ސިޓީ ކައުންސިލުގެ އެއްބާރުލުމާއި، އައްޑޫ ހައިސްކޫލުގެ ދީލަތި އެހީއާއެކު، އަދި އައްޑޫގެ ބައެެއް ދީނީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން އެ ޖަމާޢަތްތަކުގެ ފުރިހަމަ ބައިވެރިވުމާއިއެކު ކުރިއަށްގެންދާ ދަރުހެއް ކަމަށެވެ.