English Edition
Dhivehi Edition
އައްޑޫސިޓިގެ މޭޔަރ ޢަބްދުﷲ ޞާދިޤު

އެންމެ ބޮޑު އިސް ކަމެއް ދެއްވަނީ އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިޔަ ނުދިނުމަށް މަސައްކަތް ކުރެއްވުމަށް ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގު ވިދާޅުވެއްޖެ އެވެ. އައްޑޫސިޓީގައި ކޮވިޑް 19 އާއި ގުޅިގެން ހިނގާ ކަންތައް ތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލު ވުމުގައި ސޯބެ ވިދާޅުވީ ސަރުކާރާއި މުވައްސަސާ ތަކާއި އައްޑޫ އިމަޖެންސީ އޮޕްރޭޝަންސް ސެންޓަރ އީއޯސީ އާއި އަވަށްތަކުގެ ސޯޝަލް ސަޕޯޓް ޑެސްކުން ކުރަމުންދާ މަސައްކަތްތަކުން އެކަނި މިކަން ކާމިޔާބު ނުވާނެ ކަމަށާއި ރައްޔިތުން ބަސް ޤަބޫލު ކުރުމާއެކު ހެދިފައިވާ ޤަވާޢިދުތަކާއި ޤާނޫނުތަކަށް ބޯލަނބާ ކިޔަމަންވެ ބޭރަށް ނުނިކުމެ ގޭގައި ތިއްބެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮވިޑް 19 އައްޑޫގައި ފެތުރިޔަ ނުދިނުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުން ނިމިދިޔަ ހަފްތާގެ ތެރޭވަނީ ގޭގެއަށް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ބިދޭސީން ގެނައުމަކީ މަނާ ކަމެއް ކަމަށް ހަމަޖައްސާފައެވެ.

މިފަދަ ނިންމެވުމަކަށް ދާން ޖެހުނު ސަބަބު ހާމަ ކުރައްވަމުން މޭޔަރ ވިދާޅުވީ މާލެއިން އަންނަ ބޯޓު ފަހަރުތަކުން މުދާ ބޭލުމުގެ ތެރޭ ބޯޓުގައި އުޅޭ މީހުންނާއި އައްޑޫސިޓިގައި ދިރިއުޅޭ ބިދޭސީން ގައިގޯޅިވެ ކައިރި ކައިރީގައި އެއްވެ ތިބި ކަމުގެ ޝަކުވާ ތަކެއް ލިބުމާ ގުޅިގެން އެކަމަކީ ކޮމިއުނިޓި ސްޕްރެޑަކަށް މަގު ފަހި ވެދާނެ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ބޯޓު ފަހަރުތަކަށް އޮވޭ 3 އޯޕްޝަނެއް ދީފަ،

މުދާ ހުސްކުރުމަށް ފަހު މަޑު ނުވެ މާލެ ފުރުމާއި ، އެންމެން އެކީ އެއް ކަރަންޓީން ފެސިލިޓީއަކަށް ދިއުމާއި އެހެންނޫނީ ބޭރު ފަޅުގައި ބޯޓު ބަނދަރުކޮށްގެން ތިބުން އޮތީ. މިތިން ގޮތުގެ ތެރެއިން ހުރިހާ ބޯޓުތަކަކުން ވެސް ބޭނުންވީ މުދާ ބޭލުމަށްފަހު އަވަހަށް މާލެ ފުރުމަށް.

އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ސާދިގު

އައްޑޫގައި ހޯމް އައިސޮލޭޝަނަށް ބަޔަކު ގެންދިޔަ ކަމުގެ އަޑުތަކެއް ފެތުރިފައިވާތީ އެކަމާ ގުޅޭ ގޮތުން ސޯބެ ވިދާޅުވީ ހޯމް އައިސޮލޭޝަނަށް ފޮނުވާ ލެވުނީ މާލެއިން އައި ބޯޓުތަކުގެ ފަޅުވެރިންގެ ތެރެއިން ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ ހުއްދަ އެއްގެ ދަށުން އެންސްޕާއިން ގެނައި އެކިއެކި ބަލި ބައްޔަށް ފަރުވާ ކުރާ 6 މީހަކު ކަމަށެވެ.

އެ 6 މީހުން ހޯމް އައިސޮލޭޝަނަށް ފޮނުވަން ޖެހުނީ އެވަގުތު އެޗްޕީއޭއިން އެފަދަ ފަރާތްތަކާމެދު ޢަމަލު ކުރުމަށް އީއޯސީއަށް އަންގާފައިވާ އިރްޝާދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެމީހުން ހޯމް އައިސޮލޭޝަނަށް ގެންދެވުނު ފަހުން އެފަދަ ފަރާތްތަކަށް ޚާއްސަ ކޮށްގެން ކެނެރީފް ރިސޯޓް ދަނީ ކަރަންޓީން ފެސިލިޓިއަކަށް ތައްޔާރު ކުރަމުންނެވެ.

އެތަން އިންސްޕެކްޓް ކުރުން މީގެ ދެދުވަސް ކުރިން ފެށިގެން ކުރިއަށްދާއިރު އައްޑޫގައި ޤާއިމް ކުރެވޭ ކޮވިޑް ހޮސްޕިޓަލް ގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ތައްޔާރޔ ކުރެވޭ ކޮވިޑް ހޮސްޕިޓަލާއެކު މިދެތަންވެސް މިފެށޭ ހަފްތާގެ ނިޔަލަށް ނިމިގެންދާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.