ރިސޯޓްތަކާއި އެކިއެކި ކަންކަމުގައި ކުރު މުއްދަތަށް މާލެއާއި އެހެން ރަށްރަށަށް ދިޔަ ތަނުން ފުރަ ބަންދުވެ އެތަންތާ ތާށިވެފައިވާ ފަރާތްތަކާ މެދު ޢަމަލު ކުރަންވީ ގޮތުގެ މަޝްވަރާ ކުރެވެމުންދާ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިގު ވިދާޅުވެއްޖެއެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މޭޔަރ ވިދާޅުވީ 477 ފަރާތަކުން ގުޅާ ނަންނޯޓު ކޮށްފައިވާ ކަމަށާއި މިފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް ކެޓަގަރައިޒް ކުރެވިފައިވުމާއެކު މިކަމުގެ މަޝްވަރާތައް އެލްޖީއޭއާއި ޖެންޑަރ މިނިސްޓްރީއާއެކު ކުރިއަށް ދާ ކަމަށެވެ.
މޭޔަރ ވިދާޅުވީ ކުރު މުއްދަތެއްގައި މިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށާއި މިފަދަ ފަރާތްތައް އައްޑުއަށް އެތެރެ ވުމަށްފަހު 14 ދުވަހުގެ ކަރަންޓީން ނިންމާ ،ޙާލަތު ޔަޤީން ނުކޮށް މުޖުތަމަޢަށް ދޫނުކުރައްވާ ނެ ކަމަށާއި މިކަމުގައި ލަސްތަކެއް ވީވެސް ހަމަޖައްސަން ޖެހޭ ގިނަ ކަންތައް ތަކެއް ހިމެނޭތީ ކަމަށެވެ. މޭޔަރ ވިދާޅުވީ މިހާތަނަށް އަދި ނަންނޯޓު ކުރެވިފައިވާ އެއްވެސް މީހަކު ކާގޯ ފްލައިޓެއް ގައިވެސް ގެނެވިފައި ނުވާނެ ކަމަށާއި ފެތުރެމުން އަންނަނީ ޙަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ރިސޯޓު ތަކުންނާއި އެނޫން ގޮތްގޮތަށް މާލެ ދިޔަތަނުން ރާއްޖެ ލޮކްޑައުން ގެ ޙާލަތަށް ރުޖޫޢަ ވުމާ ގުޅިގެން ތާށިވި ފަރާތްތައް މާލޭގެ އެކި ތަންތާ ކުލިދައްކާނެ ގޮތާއި ކާނެ ގޮތެއް ވެސް ނެތިފައި ވަރަށް ޙާލުގައި އުޅެމުންދާ ކަމުގެ ޝަކުވާ ޢާއިލާތަކުން ދަނީ އުފުލަމުންނެވެ.