އެމެރިކާއިން އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވުމަށް ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ހޯމަދުވަހުގެރޭ ވޮޝިޓަން ކައިރީގައި އޮންނަ އަސްކަރީ މަރުކަޒެއްގައި ތިބި ސިފައިންނާއި މުޚާތަބު ކުރައްވައި ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އޭނާ ވެރިކަމަށް ހަވާލުވިއިރު އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވުމުގެ ޚިޔާލެއް ނުގެންގުޅުއްވާ ކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ އަސްކަރީ ލަފާ މަތިން އަފްޣާނިސްތާނަށް އިތުރު ސިފައިން ފޮނުވުމަށް ނިންމަވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓީވީއިން ވަގުތުން ދުރަށް ދެއްކި މިވާހަކަފުޅުގައި، އެމެރިކާއިން އަފްޣާނިސްތާނަށް ފޮނުވަން ހަމަޖެހިފައިވަނީ ކިތައް ސިފައިން ކަމަށް ފާހަގަ ކޮއްފައި ނުވެއެވެ. އަދި އެތަނުން ސިފައިން ބޭލުމަށް ހަމަ ޖެއްސި ތާރީޚެއްވެސް ވިދާޅެއްނުވެއެވެ. ނަމަވެސް ވައިޓް ހައުސްއިން އިތުރު 4000 ސިފައިން އަފްޣާނިސްތާނަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި އަފްޣާނިސްތާނުގައި ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވާ ތިން ސަބަބެއް އެނާ ވަނީ ފާހަގަ ކުރައްވާފައެވެ. ފުރަތަމަ ސަބަބެއް ގޮތުގައި އެނާ ފާހަގަ ކުރެއްވީ، އަފްޣާން ހަނގުރާމައިގައި މަރުވެފައިވާ އެމެރިކާ ސިފައިންގެ ހަނދާނުގައި ކުރިއަށް ގެންދިއުމަށެވެ. ދެވަނަ ސަބަބެއް ގޮތުގައި އެނާ ފާހަގަ ކުރައްވާފައި ވަނީ އަފްޣާނިސްތާން ޓެރަރިސްޓުންގެ ސުވަރުގެ އަކަށް ހަދަން ބޭނުން ނުވުން ކަމުގައި އެނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ހަމަޖެހުން ގާއިމު ކުރުމަށް ކަމަށް ވެސް ޑޮނަލްޑް ޓްރަމްޕް ވަނީ ފާހަގަ ކުރައްވާފައެވެ.
ޑޮނަލްޑް ޓްރަމް ވިދާޅުވެފައިވާ ގޮތުގައި ރައީސް އޮބާމާގެ ސިޔާސަތާއި އެނާގެ ސިޔާސަތު ތަފާތެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އޮބާމާގެ ސިޔާސަތާ އެނާގެ ސިޔާސަތުގެ އެންމެ ބޮޑު ފަރަޤަކީ އެނާ ފޮނުވާ ސިފައިންގެ އަދަދު ހާމަ ނުކުރުމެވެ. އެނާ ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން މިފަހަރު ދަނީ ގައުމު ބިނާ ކުރުމަށް ނޫން ކަމަށެެވެ. މިފަހަރު އެމެރިކާ ސިފައިން މަސައްކަތް ކުރާނީ ޓެރަރިސްޓުން ނައްތާލުމަށެވެ.
ޓްރަމްޕްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި އެމެރިކާއިން ޕާކިސްތާނާއި މެދު ކުރިއަށް އޮތްތަނުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެއެވެ. އެނާ ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ޓެރަރިސްޓް ގުރޫޕްތައް ފިލާ އެބަ ތިއްބެވެ. އަދި ޕާކިސްތާނުން އެމެރިކާއިން އަފްޣާނުގައި ކުރަމުންދާ ހަނގުރާމައިގައި ޕާކިސްތާނުން އެހީ ވުމަކީ އެގައުމަށް އޮތް ފައިދާ އެއް ކަމަށެވެ. އެނޫން ގޮތަކަށް ދާނަމަ ޕާކިސްތާނަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަފްޣާނިސްތާނުގައި މިވަގުތު އެމެރިކާގެ 8400 ސިފައިން ހަރަކާތްތެރި ވެއެވެ.