English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން މެދުކަނޑާލާފައިވާ ފްރާންސް ލީގު ކެންސަލް ކުރުމަށް ފަހު، ޗެމްޕިއަންކަން ޕީއެސްޖީ އަށް ދީފިއެވެ.

މިއީ ފާއިތުވި 8 އަހަރުގެ ތެރޭގައި ޕީއެސްޖީން ލީގު ކާމިޔާބުކުރި ހަތް ވަނަ ފަހަރެވެ. އަދި މިއީ އެ ޓީމުން ވިދިވިދިގެން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.

ފްރާންސްގެ ބޮޑުވަޒީރު އެޑުއާޑް ފިލިއްޕޭ ވަނީ މީގެ ދެ ދުވަސް ކުރިން ފްރެންޗް ނޭޝަނަލް އެސެމްބްލީ ގައި ދެއްކެވި ވާހަކަފުޅުގައި، މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ލީގު އެކެއް އަދި ލީގު ދޭއްގެ މެޗުތައް ކެންސަލް ކުރިކަން ހާމަކޮށްފައެވެ.

މި ކަމާ ގުޅޭ ގޮތުން، ފްރާންސްގެ ފުޓްބޯޅައިގެ މައި އިދާރާ، އެލްއެފްޕީ އިން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ނިންމީ މިދިޔަ މާރިޗް މަހުގެ 13 ވަނަ ދުވަހު ލީގު މެދުކަނޑާލިއިރު، 12 ޕޮއިންޓުގެ ފަރަގާ އެކު ތާވަލުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދޭށެވެ.

އެލްއެފްޕީން ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ދޭން ނިންމީ މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓަށް ބަލައިގެންނެވެ. އެ ގޮތުން ޕީއެސްޖީ އަށް ކުރި ލިބެނީ 2.52 ޕޮއިންޓުންނެވެ.

ޕީއެސްޖީ އިން ވަނީ އެ ކްލަބުގެ ތާރީޚުގައި ނުވަވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބުމުން މި ކާމިޔާބީ އެ ގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްފައެވެ.

ފްރާންސްގެ ލީގު 1 ގެ އެކި މަގާމުތައް ކަނޑައެޅިގެންދިޔައިރު، ދެވަނައިގައި އޮތީ އޮލިމްޕިކް މާސޭ އެވެ. ރެނެސް އަށް ތިން ވަނަ ލިބުނުއިރު، ހަތަރު ވަނަ އަށް ދިޔައީ ލިއްލޭ އެވެ . މިއާއެކު، ޕީއެސްޖީ އާއި މާސޭގެ އިތުރުން ރެނެސް އަށް ވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސްލީގުގެ ޖާގަތައް ކަށަވަރުވެފައެވެ.

އެހެންނަމަވެސް، މި ސީޒަން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަށްފަހު ލީގު ކެންސަލް ކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ލީގުގެ ހަތްވަނައިގައި އޮތް އޮލިމްޕިކް ލިޔޯން އަށެވެ. ގިނަ އަހަރުތަކަކަށްފަހު، އެ ޓީމަށް އަންނަ އަހަރުގައި ޔޫރަޕުގެ އެއްވެސް މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ލިޔޯނުން ވަނީ އެލްއެފްޕީގެ ނިންމުމާ އެކު ސީޒަން ފުރިހަމަނުކުރެވި ޔޫރަޕްގެ ޖާގައެއް ނުލިބުމުން އެ ޓީމަށް ކުރިމަތިވި މާލީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމާފައެވެ.