English Edition
Dhivehi Edition

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ރިޝީ ކަޕޫރު ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މުމްބާއިގެ ހޮސްޕިޓަލެއްގައި މިއަދު މަރުވެއްޖެއެވެ.

އުމުރުން 67 އަހަރުގެ ރިޝީގެ އަނބިމީހާ ނީޓޫ ސިންގ އަދި ދަރިފުޅު ރަންބީރު ކަޕޫރާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ނޭވާލާން އުނދަގޫތަކެއް ހުރުމުން މިދިޔަ ބުދަދުވަހު ރިޝީ މުމްބާއީގެ ހޮސްޕިޓަލަށް ގެންގޮސް ދިޔައީ ފަރުވާދެމުނެވެ. ރިޝީކަޕޫރަށް ލޭގެ ކެންސަރު ޖެހިފައިވާކަން 2018 ވަނަ އަހަރު އެނގުމާއެކު ނިއުޔޯކްގައި އެއްއަހަރުވަންދެން ކެންސަރުބައްޔަށް ފަރުވާހޯދިއެވެ.

ރިޝީކަޕޫރު މަރުވުމުން އާއިލާއިން ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުން ދާތާ ދެއަހަރުވެފައިވަނިކޮށް މިއަދުގެ ހެނދުނު 8:45 ހާއިރު ރިޝީކަޕޫރު މަރުވެފައިވާ ކަމަށެވެ. އަދި އެސްޓޭޓްމެންޓްގައި ހޮސްޕިޓަލްގެ ސްޓާފުންގެ އިތުރުން ރިޝީގެ ގާތް އެކުވެރިންނާއި ފޭނުން އޭނައަށް ދީފައިވާ ސަޕޯޓަށް ޝުކުރު އަދާކޮށްފައި ވެއެވެ.

ރީޝީކަޕޫރަކީ ކުރީގެ މަޝްހޫރު ފިލްމީތަރި ރާޖްކަޫޕް އަދި ކްރިޝްނާ ރަޖްކަޕޫރުގެ ދަރިއެކެވެ. ރިޝީކަޕޫރު އެންމެ ފުރަތަމަ ބޮލީވުޑްގެ ފިލްމަކުން ފެނިގެންދިޔައީ 1973ވަނަ އަހަރުގައެވެ. ރިޝީ މަރުވިއިރު އޭނަގެ އަންބަކާ ދެދަރިން ދުނިޔޭގައި އެބަތިއްބެއެވެ.

އިއްޔެގެ ވަގުތެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރި އިރްފާން ހާން ނިޔާވުމާއި ގުޅިގެން މުޅި ބޮލީވުޑް ހިތާމައެއްގައި އޮތްވާ މިއަދު ރިޝީ މަރުވެފައިވާ ކަމުގެ ހަބަރު ލިބުމާއެކު ބޮލީވުޑްގެ ތަރިންގެ ހިތާމަ އިތުރަށް ބޮޑުވެފައިވާކަން ފާހަގަވެއެވެ. ރިޝީ ކަޕޫރު މަރުވުމައި ގުޅިގެން ބޮލީވުޑްގެ އެތައް ތަރިންނެއް ދަނީ އާއިލާ އަށް ތަރުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.