English Edition
Dhivehi Edition
20 އޭޕްރީލް 2020 ވަނަ ދުވަހު ދިވެހިންނާއެކު ރާއްޖެ އައި ބަންގްލަދޭޝްގެ އަސްކަރީ މަތިންދާ ބޯޓު - ފޮޓޯ: ފޮރިން މިނިސްޓްރީ

ރަޝިޔާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން 11 މީހަކު މިއަދު ރާއްޖެ ގެނެސްފި އެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) އިން މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ރަޝިޔާގައި 84 ދިވެހިން އުޅޭ ކަމަށާއި، އެ އެންމެންނަށްވެސް މިއަދު ފްލައިޓް އޮތްކަން އެނގޭ ކަމަށެވެ. އަދި މިއަދު ރާއްޖެ އައި 11 ދިވެހިންނަކީ އޭގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާކަން ފޮރިން މިނިސްޓްރީ އަށް އެންގި މީހުން ކަމަށާއި، އެމީހުން އެނބުރި ރާއްޖެ އައުމަށް ޓިކެޓް ނަގާފައި ވަނީ އަމިއްލަ ޚަރަދުގައި ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. އެ އެންމެންވެސް މިހރު ތިބީ 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކޮށްފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތައް ފުރަބަންދުކޮށްފައިވާއިރު، އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށްވެސް ވަނީ ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

އެފަދަ ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އިންޑިއާ އާއި ސްރީ ލަންކާގެ އިތުރުން މެލޭޝިޔާ އާއި ނޭޕާލް އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ބައެއް ދިވެހިންވެސް އަނބުރާ ރާއްޖެ އައުމުގެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ.

މީގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ.