English Edition
Dhivehi Edition

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން މެދުކަނޑާލާފައިވާ ފްރާންސްގެ ފުޓްބޯޅަ ސީޒަން އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ކެންސަލްކޮށްފިއެވެ.

އެގޮތުން، އެ ގައުމުގެ ބޮޑުވަޒީރު އެޑުއާޑް ފިލިއްޕޭ ވަނީ ފްރެންޗް ނޭޝަނަލް އެސެމްބްލީ ގައި ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ކުރިން ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ލީގު އެކެއް އަދި ލީގު ދޭއްގެ މެޗުތައް ކެންސަލް ކުރިކަން ހާމަކޮށްފައެވެ.

“ޕްރޮފެޝަނަލް ސްޕޯޓްސް، ހާއްސަކޮށް ފުޓްބޯޅަ ސީޒަނުގެ ކުޅުން އިތުރަށް ކުރިއަށް ގެންދެވޭނެކަމަށް ގަބޫލު ނުކުރެވޭ.” ފިލިއްޕޭ ވިދާޅުވި އެވެ.

މިދިޔަ މާރިޗް މަހުގެ 13 ވަނަ ދުވަހު ފްރާންސްގެ އެންމެ މަތީ ދެ ޑިވިޝަނުގެ ކުޅުން ހުއްޓާލިއިރު، ލީގު ވަންގެ އެންމެ ކުރީގައި ވާދަކުރަމުން އަންނަ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ތާވަލްގެ ދެވަނައިގައި އޮތް މާސޭއާ ދެމެދު 12 ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް، ދެވަނަ ޑިވިޝަނުގެ ތާވަލްގެ އެންމެ ކުރީގައި އުޅޭ ފަސް ޓީމުގެ ދެމެދުގައި އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ.

ފުޓްބޯޅަ ލީގުތައް ކެންސަލް ކުރިކަން ފްރާންސްގެ ސަރުުުކާރުން އިއުލާން ކޮށްފައިވީ ނަމަވެސް އެ ގައުމުގެ ފުޓްބޯޅައިގެ މައި އިދާރާ އެލްއެފްޕީ އިން އަދި ވަކިގޮތެއް ނުނިންމައެވެ. އެގޮތުން، ފްރާންސްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ރޭގެ ވަގުތެއްގައި ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ލީގު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މި މަހުގެ 30 ވަނަ ދުވަހު ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަނޑިވަޅުގައި ޔޫރަޕުގެ ވަރުގަދަ ލީގުތައް މެދުކަނޑާލާފައިވީ ނަމަވެސް، ސްޕެއިނާއި، އިޓަލީގެ އިތުރުން ޖަރުމަނާއި އިނގިރޭސިވިލާތުގެ ފުޓްބޯޅަ ލީގުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް، ދާދިފަހުން ހޮލެންޑުގެ ލީގުގެ ކުޅުން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމުމަށްފަހު ޗެމްޕިއަނެއްގެ އިތުރުން ރެލިގޭޓުވާނެ ޓީމުތައް ވެސް ކަނޑަނާޅާ ވަނީ ކެންސަލްކޮށްފަ އެވެ.

މިހާރު މުޅި ދުނިޔެއަށް ދިމާވެފައިވާ މި ބަލިމަޑުކަމާއި ގުޅިގެން ލީގު ތައް އަލުން ފެށުމާމެދު ބޮޑެތި ގައުމުތަކުގެ ސަރުކާރާއި ފުޓްބޯޅައިގެ މައި އިދާރާ ތަކަށް އެއްގަލަކަށް އެރިފައިނުވާއިރު، ފީފާ އާއި ޔުއެފާ އިން ވެސް ބާރު އަޅަނީ ހާލަތު ތަންދިނުމާ އެކު، މެދުކަނޑާލާފައިވާ ލީގުތައް ކުރިއަށްގެންގޮސް ސީޒަން ފުރިހަމަކުރާށެވެ.

މީގެއިތުރުން، ލީގުތައް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން، އަންނަ މެއި މަހުގެ 25 ގެ ކުރިން ގޮތެއް ނިންމުމަށް ހުރިހާ ގައުމަކަށް ޔުއެފާ އިން ވަނީ އަންގާފައެވެ.