ހަނގުރާމަވެރި ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު ބޮޑު އެއް ރަށް ކަމަށްވާ ތަލް އަފާރު ހިފުމަށް އިރާގު ސިފައިން ހަނގުރާމަ ކުރަން ފަށައިފިއެވެ.
އާދިއްތަ ދުވަހު ދަންވަރު އިރާގު ސިފައިން ވަނީ ތަލް އަފާރު ހިފުމަށް ހަނގުރާމަ ފަށާފައިވާ ކަމަށް އިއުލާން ކޮއްފައެވެ. މިކަން އިއުލާން ކުރުމަށް އިރާގުގެ ބޮޑުވަޒީރު ވަނީ އަސްކަރީ ޔުނިފޯމުގައި ޓީވީ އަށް އަރުއްވާ އިރާގުގެ ހަނގުރާމަ ވެރި ޖަމާއަތްތަކަށް ހަތިޔާރު ތިރި ކުރުމަށް އަންގާ، އެގޮތަށް އަމަލު ނުކޮއްފި ނަމަ މަރާލެވޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ތަލް އަފާރު ހަނގުރާމަވެރިންގެ އަތްދަށަށް ގޮސްފައި ވަނީ 2014 ވަނަ އަހަރުއެވެ. ތަލް އަފާރު އަަކީ މޫސަލް އާއި ސީރިއާ ދެމެދު އޮންނަ މަގެއް ބޭނުން ކުރުމަށް މުހިންމު ރަށެކެވެ. އެރަށުގެ އާބާދީ އަކި ހަނގުރާމަ ފެށުމުގެ ކުރިން ދެ ލައްކަ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. ނަމަވެސް މިހާރު އެރަށުގައި ތިބީ 10،000 އާއި 50،000 އާއި ދެމެދުގެ އަދަދެއްގެ މީހުން ކަމަށް އެމެރިކާގެ ކޯލިޝަނުން ބުނެއެވެ.
މިރަށުގައި ހާހެއްހާ ހަނގުރާމަވެރިން އަތްގަދަ ކޮއްގެން ތިބި ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ނަމަވެސް އިރާގު ސިފައިން އަދި އެމެރިކާ އިސްވެ އޮންނަ ކޯލިޝަނުން މިރަށް ވަށާ ބަންދު ކޮށްފައިވާތާ މަސްތަކެއް ވެއްޖެއެވެ. ހޮނިހިރު ދުވަހު އިރާގުގެ ހަނގުރާމަވެރި ބޯޓަކުން ވަނީ އެރަށުގެ މަތިން ކަރުދާސްތަކެއް ވައްޓަމުން ގޮސްފައެވެ. އެއީ އެރަށުގައި އުޅޭ އާންމުނަށް ސިފައިން ރަށައް އަރަން އުޅޭ ކަމުގެ އިންޒާރެވެ.
އައި.އެސްގެ ބާރުގެ ދަށުގައި އިރާގު އަދި ސީރިއާގައިވެސް އޮތް އެންމެ ބޮޑުރަށް ކަމަށްވާ މޫސަލް އެމީހުން އަތުން ގެއްލުމުން ތަލް އަފާރުގެ މުހިންމު ކަން ހަނގުރާމަ ވެރިންނަށް ވަރަށް ބޮޑުވެގެން ދިޔައެވެ.
ތަލް އަފާރުގައި ހަނގުރާމަ ފެށިފައިވާއިރު މޫސަލްގައި ހަނގުރާމަ ފެށުމުން ޝިއީ ހަނގުރާމަވެރިން ވަނީ ތަލް އަފާރު ދިމާލަށް މިސްރާބު ޖަހާފައެވެ. ތަލް އަފާރުގެ އާބާދީ ބޮޑު ބައެއް ހިއްސާ ކުރާނީ ތުރުކީ ހިސާބުގެ މީހުންނެވެ. އަދި މިރަށުގައި އެމީހުންނާ ޝީއީންނާ އޮންނަނީ އަބަދުވެސް ހަމަ ނުޖެހުން އުފެދިފައެވެ. ތަލް އަފާރު ހަނގުރާމައިގައި ޝީއީން ބައިވެރިވާތީ ތުރުކީން ކަންބޮޑުވުން ފާޅު ކުރެއެވެ. ނަމަވެސް ހަނގުރާމައިގެ ކުރީގައި އެމީހުން ހަރަކާތްތެރި ނުވުމުން މަސްރަހު އޮތީ ފިނިވެފައެވެ.