English Edition
Dhivehi Edition

ރަޝިއާގެ ހަނގުރާމަ މަތީ ޖެޓުތަކުން ސިރިއާގައި ހަރަކާތްތެރިވާ އައި.އެސް އަށް ދިން ހަމަލާތަކުގައި 200 ހަނގުރާމަވެރިން މަރާލައިފައި ވާކަމަށް އެގައުމުން ބުނެފިއެވެ.

ރަޝިއާގެ އަސްކަރީ ވުޒާރާއިން ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ ވައިގެ ހަމަލާއެއްގައި 200 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށެވެ. އެގައުމުން ސީރިއާގެ ސަރުކާރާ އެއްބައިވެގެން ހަނގުރާމަ ކުރަމުންދާ އިރު މި ހަމަލާތަށް ދީފައިވަނީ ހަނގުރާމަވެރިންގެ އަތް ދަށުގައި އޮތް މައި އެއް ރަށް ކަމުގައިވާ ޑިއެރް އެއްޒޯރު އަށް ދަތުރު ކުރަމުން ދިޔަ ހަނގުރާމަވެރިންގެ 20 އުޅަނދަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާ ދީފައި ވަނީ ކޮންއިރަކު ކަމެއް އަދި ސާފު ވެފައި ނުވީނަމަވެސް ސީރިއަން އޮބްސަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ސީރިއާގަ ތިބި ބަޔަކާ ހަވާލާދީ ހަނގުރާމަވެރިންގެ 70 މީހުން ރަޝިއާގެ ހަމަލާގައި މަރުވި ކަން ވަނީ ކަށަވަރު ކޮއްދީފައެވެ.

ރަޝިއާގެ އަސްކަރީއްޔާގެ އިސް އޮފިޝަލެއް ކަމައްވާ ޖެނެރަލް ސާޖެއި ރުޑްސްކޮއި ބުނެފައިވަނީ، ހަމައެކަނި މިމަހުގައި ވެސް ރަޝިއާގެ ޖެޓުތަކުން 990 މިޝަން ޖައްސާފައި ވާކަމަށެވެ. އަދި މި މިޝަންތަކުގެ ތެރޭގައި މިފަހަރުގެ ހަމަލާ ހިމަނައިގެން 800 ހަނގުރާމަވެރިން މަރާލެވިފައި ވާކަން އެނާ ފާހަގަ ކުރެއްވިއެވެ.

ރުޑްސްކޮއި ބުނި ގޮތުގައި ސީރިއާ ސިފައިން މިހާރު ދަނީ ޑިއެރު އެއްޒޯރު 3 ފަރާތަކުން ހަނގުރާމަ ކޮށް ވާށާލަމުން ކަމަށެވެ. ސީރިއާ ސަރު ކާރުން އެ ރަށުގެ ދެބައި ކުޅަ އެއްބައި އަދި ކައިރީގައި އޮތް އަސްކަރީ ވައިގެ މަރުކަޒެއް ކޮންޓްރޯލް ކުރެއެވެ. މިއީ ކުރިން ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ތިބި ތަންތަނެވެ.

އެނާ ފާހަގަ ކުރެއްވި ގޮތުގައި ސީރިއާ ސިފައިން ވަނީ އާކަރުބެތް ކިޔާ ސީރިއާގެ ކުޑަ އަވަށެއް ވެސް ވަށާލާފައެެވެ. އަދި ރަޝިއާއިން ބޮޑަށް އަމާޒު ކުރަނީ ޑިއެރު އެއްޒޯރުއިން ފިލަން ނިކުންނަ އުޅަނދު ތަކަށް ކަމަށްވެސް އެނާ ފާހަގަ ކުރެއްވިއެވެ. އެނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ‘ޑިއެސްކެލޭޝަން’ ޒޯން ތަކެއް ސީރިއާގައި އުފެއްދުމުން ރަޝިއާއަށް އައި.އެސް އާއި ހަންގުރާމަ ކުރުން މިވަނީ ފަސޭހަ ވެފައެވެ.

ރަޝިއާ ތުރުކީ އަދި އިރާނުން އެއްބަސް ވެގެން އުފެއްދި ޕްލޭންގެ ދަށުން ސީރިއާގެ 3 ސަރަހައްދެއްގައި ސިރިއާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ހަނގުރާމަ ނުކުރާނެއެވެ. މިއީ އިންސާނީ އެހީ އެގައުމުގައި ފޯރު ކޮއްދިނުމަށް ފަސޭހަ ކުރުމުގެ މަޤްސަދުގައެވެ.