English Edition
Dhivehi Edition

އިރާގުގެ ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި އައި.އެސް ހަނގުރާމަވެރިންގެ އަނބި ދަރިންކަމަށް ބެލެވޭ 1400 މީހުން އެބަ ތިބި ކަމަށް އިރާގު ސަރުކާރު އަދި އެހީދޭ ފަރާތްތަކުން ބުނެފިއެވެ.

މި 1400 މީހުންގެ ތެރެއިން ގިނަ މީހުންނަކީ ރަޝިއާ، ތުރުކީ، އަދި މެދު އެޝިއާގެ ގައުމުތަކަށް ނިސްބަތްވާ މީހުންކަމަށް އޮފިޝަލުން ބުނެއެވެ. މި މީހުން މިވަގުތު ތިބީ އިރާގް ސިފައިންގެ ބެލުމުގެ ދަށުގައި މޫސަލްގެ ދެކުނުން އޮންނަ ކޭމްޕެއްގައެވެ. އަދި މީގެ ތެރެއިން ގިނަ މީހުން މިތަނަށް އައިސްފައިވަނީ އޮގަސްޓް 30 ގެ ފަހުންނެވެ. އިރާގުގެ އިންޓެލިޖެންސް އޮފިޝަލަކު ބުނެފައިވަނީ މިހާރު ކުރިއަށްދާ މަސައްކަތަކީ އެމީހުން ނިސްބަތްވާ ގައުމު ޔަގީން ކުރުމެވެ. އެއީ މީގެތެރެއިން ގިނަމީހުުންގެ އެއްވެސް ލިއެކިއުމެއް ނެތުމުންނެވެ.

އެހީ ދޭ ފަރާތްތަކުން ބުނާގޮތުގައި މިއީ އައި.އެސް ޖަމާއަތާ ގުޅުންހުރި އެންމެ ގިނަ މީހުން އެއްފަހަރާ އެއްތަނެއްގައި ބޭތިއްބި ފުރަތަމަ ފަހަރެވެ. އެ ތަނުގައި ހަރަކާތްތެރިވާ ފާރާތެއް ބުނެފައި ވަނީ މިވަގުތު ކުރިއަށްދަނީ އެމީހުން ބާއިތިއްބާނެ ސަލާމަތްތެރި ތަނެއް ހޯދުމުގެ މަސައްކަތެވެ. އެއީ އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވެން ދެކަށެވެ.

އޮފިސަރުން ބުނި ގޮތުގައި މީގެ ތެރެއިން ގިނަ މީހުން އަމާން ދީފައިވަނީ ތަލް-އަފާރުގައި ކުރުދީ ހަންގުރާމަވެރިންނަށެވެ. އަމާން ދީފައިވަނީ އައި.އެސް ޖަމާއަތުގެ ހަންގުރާމަވެރިންނާއި އެމީހުންގެ އަންބި ދަރިންނެވެ. އޭގެ ތެރެއިން ހަނގުރާމަވެރިން ހިފަހައްޓާ އަންބިދަރިންވަނީ އިރާގް ސިފައިންނާ ހަވާލު ކޮއްފައެވެ.

އިރާގު ސިފައިން މިވަގުތު ކަންބޮޑުވަނީ އެމީހުންނާ ދޭތެރޭ ކޭމްޕުގައި ތިބި އިރާގު މީހުން އަމަލު ކޮއްފާނެ ގޮތަކާ މެދުއެވެ. އިރާގުގައި އައި.އެސް ޖަމާއަތުން އަމަލު ކޮއްފައިވާ ގޮތުން، އައި.އެސް ޖަމާއަތަށް ނިސްބަތްވާ މީހުންނާ މެދު އިރާގު ރައްޔިތުންވަނީ ހިތްހަމަ ނުޖެހިފައެވެ.