English Edition
Dhivehi Edition

ތުރުކީގެ ޓްރަކްތަކާއި އެގައުމުން ތެރެއިން ބޭރަށްދާ ތެޔޮ ހުއްޓުވައިފި ނަމަ އިރާގުގެ ކުރުދީން ބަނޑަށް ޖެހިދާނެ ކަމަށް ތުރުކީގެ ރައީސް ތައްޔިޕް އެރްދޮޤާން އިންޒާރު ދެއްވަވައިފިއެވެ.

ތުރުކީގެ ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޓީވީން ވަގުތުން ދުރަށް ދައްކަމުން ދިޔަ ހަފްލާއެއްގައެވެ. ތުރުކީގެ ރައީސް ވިދާޅުވީ ތުރުކީން ދަތި ކުރުމުގެ ފިޔަވަޅު އަޅައިފިނަމަ ކުރުދީން ބަނޑަށް ޖެހިދާނެ ކަމަށެވެ. އަދި އެގައުމުން ތެޔޮ ހޮޅިތައް ބަންދުކޮށް އެގައުމުގެ ތެރެއިން އެ ސަރަހައްދަށްދާ ޓްރަކްތައް ހުއްޓުވައިފިނަމަ ކެއިންބުއިން ނުލިބޭނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އިރާގުގެ އުތުރުން ކުރުދީންގެ ބެލުމުގެ އޮންނަ ސަރަހައްދުގައި ތިބި ކުރުދީން އިރާގުން ވަކިވުމާ ގުޅޭ ގޮތުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. މިވޯޓާއި މެދު ތުރުކީ އަދި އިރާގުގެ މައި ސަރުކާރުން ވެސް ވަނީ ދެކޮޅު ހަދާފައެވެ.

ތުރުކީ އަކީ މި ސަރަހައްދުގެ އެންމެ ގިނަ ކުރުދީން އުޅޭ ގައުމެވެ. އަދި އެގައުމުގެ އިރު ދެކުނު ސަރަހައްދުގައި ކުރުދީ ހަނގުރާމަވެރިންނާ ދަނީ ހަނގުރާމަ ކުރަމުންނެވެ. މި ސަރަހައްދަކީ އިރާގުގެ އުތުރުއި ތުރުކީގެ ބޯޑަރު ގުޅޭ ސަރަހައްދެވެ.

ތުރުކީން ދެކޭ ގޮތުގައި ކުރުދީންގެ ވަކި ދައުލަތެއް ގާއިމް ވެއްޖެނަމަ ތުރުކީގައި ތިބި ކުރުދީން ވަކިވެ ގަތުމަށްޓަކައި ދާޚިލީ ހަނގުރާމައެއް ފަށާފާނެއެވެ. އެހެން ކަމުން މިކަމާ ތުރުކީން ވަނީ ދެކޮޅު ހަދާފައެވެ. އަދި އެގައުމުން މިކަމާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ތުރުކީ އަކީ އިރާގަށް 3 ވަނައަށް އެންމެ ގިނަައިން ތަކެތި އެކްސްޕޯޓް ކުރާ ގައުމެވެ. އައިއެމްއެފްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިރާގަށް ތުރުކީން މިދިޔަ އަހަރުވެސް 8.6 ބިލިއަން ޑޮލަރުގެ ތަކެތި ވަނީ އެތެރެ ކޮއްފައެވެ. މިއީ އިރާގުގެ އުތުރުން އޮންނަ ކުރުދީން ދިރިއުޅޭ ސަރަހައްދަށްވެސް އެކްސްޕޯޓްވާ ތަކެއްޗެވެ. އަދި އެސަރަހައްދަށް އެއްވެސް އެއްޗެއް އެތެރެވަނީ ހަމައެކަނީ ތުރުކީ ބޯޑަރުންނެވެ.