English Edition
Dhivehi Edition

އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލްބަޣުދާދީ މަރާލައިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އޭނާގެ އޯޑިއޯއެއް އެ ޖަމާއަތުން އާންމުކޮށްފިއެވެ.

ބަޣުދާދީ މަރުވެފައިވަނީ މިދިޔަ މެއިމަހު ރަޝިއާއިންދިން ހަމަލާއެއްގައި ކަމަށް އެގައުމުންވަނީ ބުނެފައެވެ. އޭގެ އިތުރަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވެސް ވަނީ ބަޣުދާދީ މަރުވެފައިވާ ކަމަށް އެ ޖަމާއަތުގެ އިސް ކޮމާންޑަރުންނާ ހަވާލާދީ ކަށަވަރު ކޮށްދީފައެވެ.

ޓެލެގްރާމުގައި މިހާރު ދައުރުވަމުންދާ 46 މިނެޓުގެ އޯޑިއޯރިކޯޑިން ފަށަމުން ބުނެފައިވަނީ އެ އޯޑިއޯގައި ވާހަކަދައްކަވަނީ ބަޣުދާދީ ކަމަށެވެ. އޯޑިއޯގެ މައިގަނޑު ބޭނުމަކީ އައިއެސް ޖަމާއަތުގެ ބާރުދަށްވަމުންދާތީ ހަނގުރާމަވެރިންނަށް ހިތްވަރު ދިނުން ކަމަށް ބެލެވެއެވެ. އެ އޯޑިއޯގައި ބަޣުދާދީ ކަމަށްބުނާ މީހާވަނީ ތަފާތު އެކިކަންކަމަށް ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

ބަޣުދާދީ ބުނެފައިވަނީ އެމެރިކާއި، ޔޫރަޕާއި، ރަޝިއާއިން މިހާރު އުޅެމުން ގެންދަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އައިއެސްގެ ބާރުގެ ދަށުން އިރާގުގެ މޫސަލްއާއި، ތެލްއަފާރު ގެއްލިފައިވާ ކަމަށްވެސް އޭގައި ބުނެފައިވެއެވެ. އޭގެ އިތުރަށް އޭނާވަނީ މިވަގުތު ދުނިޔޭގައި ހިނގަމުން އަންނަ ކަންކަމާ ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައިފައެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގެ ނިއުކްލިއަ ޕްރޮގްރާމާ ބެހޭ މައްސަލަވެސް ހިމެނެއެވެ.

ބަޣުދާދީގެ މިފަދަ އޯޑިއޯއެއް ދައުރުވަމުން ދާއިރު އެމެރިކާއިން މީގެ ކުރިން ބުނެފައިވަނީ ރަޝިއާގެ ހަމާލާގައި ބަޣުދާދީ މަރުވެފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އައިއެސްގެ ބާރުގެ ދަށުގައި ކުރިންއޮތް ބިމުގެ ބޮޑު ބައެއް މިހާރުވަނީ އެ ޖަމާއަތަށް ގެއްލިފައެވެ.