English Edition
Dhivehi Edition
"ވެނަމް" ފިލްމްގެ ޕޯސްޓަރެއް - ފޮޓޯ: ގޫގުލް

މަޝްހޫރު ސުޕާހީރޯ ފިލްމެއް ކަމަށްވާ ‘ވެނަމް’ގެ ދެވަނަ ބައިގެ ރަސްމީ ޓައިޓަލް އަކަށް ‘ވެނަމް: ލެޓް ދެއަރ ބީ ކާނޭޖް’ ދީފި އެވެ.

ފުރަތަމަ ފިލްމެކޭ އެއްފަދައިން މި ފިލްމްގެވެސް ލީޑް ރޯލުން ޓޮމް ހާޑީ ފެނިގެންދާނީ އެޑީ ބްރޮކް ނަމަކަށް ކިޔާ ނޫސްވެރިއަކު، އޭލިއެން ސިމްބައޯޓްއަކާއި އެކުވެގެން އުފެދޭ ވެނަމްގެ ރޯލުންނެވެ.

މި ފިލްމް ޑައިރެކްޓްކުރަނީ އޭންޑީ ސަރކިސް ކަމަށްވާއިރު، ފިލްމް އުފައްދާ ސްޓޫޑިއޯ ކަމަށްވާ ސޮނީ ޕިކްޗާސް އިން ވަނީ ފިލްމް ރިލީޒްކުރާ ތާރީޚަށްވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން މީގެ ކުރިން 01 އޮކްޓޫބަރު 2021 ގައި ރިލީޒްކުރަން ހަމަޖެހިފައި އޮތް މި ފިލްމް މިހާރު ރިލީޒްކުރާނީ 25 ޖޫން 2021 ގައެވެ.

މި ބަދަލު ގެނެސްފައި މިވަނީ ކޮރޯނާވައިރަސް ޕެންޑަމިކާއި ގުޅިގެން މެޓް ރީވްސްގެ ‘ދަ ބެޓްމޭން’ ރިލީޒްކުރުން 01 އޮކްޓޫބަރު 2021 އަށް ވޯނަރ ބްރޯސް އިން ފަސްކުރިތާ އެއް ދުވަސް ފަހުންނެވެ.

‘ވެނަމް’ގެ ފުރަތަމަ ބައި ނިމުނު އިރު ޚާއްސަ ފެނިލުމަކުން ކްލީޓަސް ކެސެޑީ ނުވަތަ ކާނޭޖްގެ ރޯލުން ފެނިގެންދިޔަ ވުޑީ ހެރިލްސަން މި ފިލްމުންވެސް ފެނިގެންދާނެކަން ފިލްމްގެ ޓައިޓަލް އިން ޔަޤީންވެގެން ދެއެވެ.

2018 ވަނަ އަހަރު ރިލީޒްކުރި ‘ވެނަމް’ ވެގެންދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ. އެގޮތުން އެ ފިލްމް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 850 މިލިއަން ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ހޯދައިފަ އެވެ. އެ ފިލްމްގެ މައިގަނޑު ރޯލްތަކުން ފެނިގެންދިޔަ ތަރިންގެ ތެރޭގައި މިޝެލް ވިލިއަމްސް އަދި ރިޒް އެހްމަދު ހިމެނެއެވެ.