އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ މާކޯސް އަލޮންސޯގެ ދެ ލަނޑުން ޓޮޓެންހަމް ބަލިކޮށް ލަންޑަން ޑާބީގެ ޗެލްސީއިން ކާމިޔާބުކޮށްފިއެވެ.
ޕްރިމިއަ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީއިން ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ކާމިޔާބުކޮށްފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
މިދިޔަ ހަފްތާގައި ބާންލީ އާއި ކުޅެ ބަލިވި ޗެލްސީން އިން ވަނީ މެޗު ފުރަތަމަ ހާފުގައި ވަރުގަދަ ކުޅުމެއް ދައްކާ ލީޑް ނަގާފައެވެ. މި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކަސް އަލޮންސޯ އެވެ. އަލޮންސޯގެ ލަނޑާއެކު ޓޮޓެންހަމުން ވަނީ ކުޅުމަށް ބަދަލުގެނެސް ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން ހެރީ ކޭން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑީގައި ޖެހި ނިކުތް އިރު އެރިކްސަން ގޯލާއި އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ކީޕަރު ކޯޓުވާ ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ވެސް ޓޮޓެންހަމުން ދިޔައީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޗެލްސީގެ ގޯލައަށް ގިނަ ހަމަލާތަށް އަމާޒު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޓޮޓެންހަމްއަށް ލިބުނު ހިލޭ ޖެހުން ބައިކޮޅަށް ޗެލްސީގެ މޮރާޓާގެ ބަދަލުގައި ކުޅެން ނިކުތް މިޗީ މަޓްޝުއާގެ ބޮލުގައި ޖެހި ވަނީ ބައިކޮޅައަށް ވަދެފައެވެ.
ޗެލްސީއަށް ދެވަނަ ފަހަރަށް މެޗުގައި ލީޑް ނަގައިދީ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖަހާދީފައިވަނީ ގޯލްވެސް ޖަހައިދިން އެލޮންސޯއެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓީނިއޯ ކޮންޓޭ ބުނީ މިދިޔަ ހަފްތާގައި ބަލިވުމުން ވަރަށް ގިނަ ވާހަކަތައް އެކި ގޮތްގޮތަށް ދެކެވުނުކަމަށާއި ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބި ގޮތުގައި މި މެޗު މިއީވެސް ޗެލްސީ ބަލިވާނެ މެޗެއް ކަމަށެވެ.ކޮންޓޭބުނީ މެޗަކުން ބަލިވިޔަސް މުޅި ސީޒަން ޖަޖު ނުކުރެވޭނެ ކަމަށާއި ކުޅުންތެރިންގެ ބުރަ މަސައްކަތާއި ހިތްވަރުން އެކަން ސާބިތު ކުރަމުން ގެންދާކަމަށެވެ.