English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގެ ޗެލްސީން ޔޫތް ކުޅުންތެރިން ރަޖިސްޓްރީކުރުމުގައި ގަވާއިދާ ހިލާފުވެފައިވާތީ އެ ކްލަބަށް ކުރިއަށް އޮތް ދެ ޓްރާންސްފާ މުއްދަތުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ފީފާއިން އެ ކުލަބް ސަސްޕެންޑް ކޮށްފިއެވެ.

18 އަހަރުން ދަށުގެ ކުޅުންތެރިން ކުލަބް ތަކަކށް ސޮއި ކުރުމުގެ ގަވާއިދާ ހިލާފުވެފައި ވާތީ ޗެލްސީ 460،000 ޕައުންޑުން ޖޫރިމަނާ ކުރިއިރު އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން ވަނީ މި މައްސަލައިގައި 390،000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.

ފީފާ އިން ޗެލްސީ ޖޫރީމަނާ ކޮށްފައި މިވަނީ ޗެލްސީގެ 92 މައްސަލެއް ބަލައި އޭގެ ތެރެއިން 29 މައްސަލައިގައި ޗެލްސީ އާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބަލާފައެވެ.

ޗެލްސީން ބުނީ 92 ކުޅުންތެރިންގެ ތެރެއިން 63 ކުޅުންތެރިއެއްގެ މައްސަލައިގައި ގޯހެއް ނެތް ކަމަށް ފީފާ އިން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި އެކަމަކު ބާކީ 29 ކުޅުންތެރިންގެ މައްސަލައިގައި ހުށަހެޅި ލިޔެކިޔުންތައް ފީފާ އިން ބަލައިނުގަތުމުން އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ

ފީފާއިން ޗެލްސީ އަށް ދިން މި އަދަބާއި ގުޅިގެން ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރާއި އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި އެޓީމަށް ކުޅުންތެރިއަކު ނުގެނެވޭއިރު ފީފާގެ މި ނިންމުން އިސްތިއުނާފް ކުރުމަށް ޗެލްސީ އަށް ވަނީ ތިން ދުވަހުގެ މުހުލަތެއް ދީފައެވެ.

މި މުއްދަތުގައި އިސްތިއުނާފުކޮށް މައްސަލަ ކާމިޔާބު ކޮށްފިނަމަ އެޓީމަށް ކުޅުންތެރިން ގެނައުމުގައި ހުރަހެއް ނޯންނާއެވެ. ޗެލްސީއަށް ކުޅުންތެރިން ގެނައުމުގެ ފުރުސަތު ބަންދުވިޔަސް ކުޅުންތެރިން ވިއްކުމާއި ޗެލްސީގެ އަންހެން ޓީމު އަދި ފުޓްސަލް ޓީމުތަކަށް މި އަދަބު ތަންފީޒެއް ނުވާނެއެވެ

ފީފާއިން މި ފިޔަވަޅުތައް އަޅާފައިވަނީ ގައުމުން ބޭރު 18 އަހަރުން ދަށުގެ ކުޅުންތެރިން ގަތުމުގައި ޗެލްސީއިން އަމުލުކޮށްފައިވާ ގޮތްތަކާމެދު ތަހުގީގެއް ހިންގުމަށްފަހުއެވެ.

18 އަހަރުން ދަށުގެ ކުޅުންތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފީފާއިން ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭއިރު ފީފާއިން ވަނީ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާވެސް ޔޫތް ކުޅުންތެރިންގެ ސޮއި ހޯދުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބަލައި އެކުލަބްއާއި މެދުވެސް ފިޔަވަޅު އަޅާފައެވެ.

ފަހުގެ ތާރިހުގައި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމުގައިވާ ޗެލްސީއިންވަނީ އެ ކްލަބައިމެދު އަޅާފައިވާ ފިޔަވަޅުތަކައި ދެކޮޅަށް އިސްތިއުނާފް ކުރާނެ ކަމުގައި ބުނެފައެވެ