އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރަކާ ތެޔޮ އުފުލާ ޓޭންކަރެއް ސިންގަޕޫރުގެ އުތުރުން އޮންނަ ކަނޑުގެ ސަރަހައްދުގައި ޖެހި، 10 މީހަކު ގެއްލިއްޖެއެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާގައި ގެއްލުން ލިބިފައި ވަނީ އެމެރިކާގެ މަނަވަރެއް ކަމަށްވާ ޔޫ.އެސް.އެސް ޖޯން އެސް. މެކެއިން ކިޔާ މިސައިލް ވައްޓާ މަނަވެރެކެވެ. މި ހާދިސާގައި 10 މީހުން ގެއްލި އިތުރު 5 މީހަކަށް ވަނީ އަނިޔާވެފައިވާއިރު މަނަވަރުގެ ވާއަތް ފަރާތުގެ ފަހަތު ކޮޅަށްވެސް ވަނީ ގެއްލުން ވެފައެވެ. މި ހާދިޘާ ހިނގިއިރު މަނަވަރު ދަތުރު ކުރަމުން ދިޔައީ ޖަޕާނުގައި ހުންނަ މަނަވަރު ބޭނުން ކުރާ އެމެރިކާގެ އަސްކަރީ މަރު ކަޒަކަށެވެ.
މި އެކްސިޑެންޓްގައި މަނަވަރު ގޮސް ޖެހިފައި ވަނީ އަލްނިކް އެމް.ސީ ކިޔާ 600 ފޫޓުގެ ތެޔޮ އަދި ކެމިކަލް އުފުލާ ޓޭންކަރެއްގައެވެ.
މި ހާދިޘާގައި އަނިޔާވި މީހުން ހޯދުމަށް އެމެރިކާގެ ސިފައިންނާއި ސިންގަޕޫރުގެ ކަނޑުގެ އަސްކަރީއްޔާގެ ބޯޓުތަކާއި ހެލިކޮޕްޓަރު ތަކުގެ އިތުރުން ޓަގު ބޯޓު ތަކުން ވެސް ދަނީ ހަރަކާތް ތެރި ވަމުންނެވެ.
މިއީ ދެމަސް ދުވަސް ތެރޭގައި އެމެރިކާގެ އަސްކަރީ މަނަވަރެއް އެކްސިޑެންޓް ވި ދެވަނަ ފަހަރެވެ. މީގެ ކުރިން ޔޫ.އެސް.އެސް ފިޓްޒްޖެރަލްޑް ވަނީ މުދާ އުފުލާ ބޯޓެއްގައި ޖެހިފައެވެ. ޖޫން މަހު ހިނގި މި ހާދިޘާގައި 7 މީހަކު ވަނީ މަރުވެފައެވެ. މި ހާދިޘާގައި އެ މަނަވަރުގެ ކެޕްޓަން އާއި އަދި ބައެއް ފަޅުވެރިން ވަނީ ކަނޑު މަތީގައި ފަރުވާ ކުޑަ ކުރިކަމަށް ނިންމާ އަދަބު ދީފައެވެ. އެމެރިކާގެ އަސްކަރީއްޔާއިން މި ދިޔަ ހަފްތާގައި ބުނެފައި ވަނީ އެ ހާދިޘާގެ ތަހުގީގު އެއްކޮށް އަދި ނުނިމޭ ކަމަށާއި ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތު ވާވަރަށް ހެކި ލިބުމުން އަދަބު ދިނީ ކަމުގައެވެ.