ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ނޮވެލްކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ ޢަދަދު 2.5 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.
އެންމެ ފަހުގެ އަޕްޑޭޓްސް ތަކަށް ބަލާއިރު މި ބަލީގައި މުޅި ދުނިޔެއިން މަރުވި މީހުންގެ ޢަދަދު 177,670އަށް ވަނީ އަރާފައެވެ.
މިއަހަރުގެ ޖެނުއަރީ މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަހުގައި އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވިލާތުގެ ގައުމު ތަކަށެވެ. ވިލާތުން ބަލިޖެހިފައިވާ 1.1 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 400،000 މީހުން ފެނިފައިވަނީ އިޓަލީވިލާތުންނާއި ސްޕެއިނުންނެވެ. ބަލީގެ އަސަރުކޮށްފައިވާ މީހުންގެ 10 އިންސައްތަ މީހުންވަނީ މަރުވެފައެވެ.
އެމެރިކާގައި މިހާތަނަށް 819,175 މީހުންނަށްވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި 45,343 މީހުންވަނީ މަރުވެފައެވެ. އެއީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުގެ ތިންބައި ކުޅަ އެއްބައެވެ.
ދެކުނު އެމެރިކާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު އެސަރަޙައްދުގައި ބަލީގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދުވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 100،000އަށްވުރެ އިތުރުވެފައެވެ.
ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު ގައުމުތަކުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާކަމުގެ ނިޝާންތައްދަނީ ފެންނަމުންނެވެ. އޭޕްރިލް މަހު ބަލި ފެތުރޭ މިންވަރު ދިޔައީ ދުވާލެއްގެ މައްޗަށް 8އާ 9 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވަމުންނެވެ. ނަމަވެސް ފާއިތުވި ހަފުތާގެ ތެރޭގައި އެޢަދަދުވަނީ 3އާއި 4 އިންސައްތައާ ދެމެދުގެ ޢަދަދަކަށް ދަށްވެފައެވެ.
ކޮވިޑް 19 ގެ ސަބަބުން ދުނިޔޭގެ 265 މިލިއަނެއްހާ މީހުން ބަނޑުހައިހޫނުކަމަށް ޖެހިދާނެ ކަމަށްވެސް އދ އިން ވަނީ އަންދާޒާކޮށްފައެވެ.