English Edition
Dhivehi Edition

މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ގެންދިއުމަށް އޭނާގެ ކުރީގެ ކްލަބުކަމަށްވާ ވެލެންސިއާ އިން ޝައުގުވެރިވާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 34 އަހަރުގެ ސިލްވާ ވަނީ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، އެ ކްލަބު ދޫކޮށްލާނެކަން ކަށަވަރުކޮށްދީފައެވެ. އަދި އޭނާގެ ކެރިއަރު ނިންމާލުމުގެ ކުރީން އެނބުރި ސްޕެއިނަށް ބަދަލުވެދާނެ ކަމުގެ އަޑުތައް އަރާފައިވާއިރު، ކުރީގެ ކްލަބަށް ބަދަލުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް ވެސް ސްޕެއިނުގެ ނޫސްތަކުން ބުނެއެވެ.

އީއެސްޕީއެން އިން މައުލޫމާތުދޭ ގޮތުގައި ވެލެންސިއާގެ ސްކޮޑު ވަރުގަދަކުރުމަށްޓަކައި ކުރިއަށް އޮތް ޕްރޮޖެކްޓުގައި ކޮންމެހެން ސިލްވާގެ ބައިވެރިވުން ބޭނުންވާތީވެ، އެ ކްލަބުން ވަރަށް ގާތުން އޭނާގެ ކޮންޓްރެކްޓްގެ ހާލަތު ބަލަމުން އަންނަ ކަމަށްވެއެވެ.

2010 ވަނަ އަހަރުގެ ޖުލައި މަހުގައި 33 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް ވެލެންސިއާ ދޫކޮށް ސިޓީ އަށް ބަދަލުވެ، ސިލްވާ ވަނީ މިހާތަނަށް 424 މެޗު ކުޅެދީ 74 ލަނޑުޖަހައިދީފައެވެ. އަދި އިތުރު 137 ލަނޑުޖަހައިދިނުމަށް އެހީތެރިވެދީފައިވެއެވެ. އަދި އޭނާ ވަނީ ސްޕެއިނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ހަމައަށް 125 މެޗުގައި 37 ލަނޑު ކާމިޔާބުކޮށްފައެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން، ގިނަ ކްލަބުތަކަކަށް މާލީގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި ހިލޭ ޓްރާންސްފާގައި ސިލްވާ ކަހަލަ ކުޅުންތެރިއަކު ލިބުމަކީ ކޮންމެ ޓީމަކަށްވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއެކެވެ.