އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުންދާ ސަރަހައްދީ ޓްރެވަލް އެވޯޑު، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އަށް އައްޑޫސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވަވާނެ ކަމަށް އައްޑޫސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގެ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖްގައި ބާއްވާ މި އިވެންޓަކީ އައްޑޫގައި މިފަދަ އިވެންޓެއް ބާއްވާ ފުރަތަމަ ފަހަރެވެ.
“އޭއޯ ނިއުސް ” އަށް މައުލޫމާތު ދެއްވަވަމުން ޔަސްރިފް ވިދާޅުވީ މި އިވެންޓަށް ތައްޔާރުވުމުގެ ގޮތުން އިވެންޓް އިންތިޒާމު ކުރާ ފަރާތްތަކުން ބޭނުންވާ ޕްލޭން ތަކަކީ ކޮބައިތޯ ބަލައި އެގޮތަށް މަސައްކަތް ކުރުމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ.
“އައްޑޫސިޓީއަށް އަންނަ މެޙްމާނުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ސިޓީ ސާފުކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތް އެންމެ އިސްކަމެއް ދީގެން ކުރުމަށް މި ވިސްނަނީ. ދެން މި ބަލަނީ އިވެންޓް އިންތިޒާމު ކުރާ ފަރާތްތަކުން ބޭނުންވާ ކަންތައް ތަކަކީ ކޮބައިތޯ، މި އިވެންޓަށް އައްޑޫސިޓީ ތައްޔާރުވުމުގެ ގޮތުން އައްޑޫގެ އެކި އެކި މުއައްސަސާތަކާއި ވާހަކަ ދައްކަމުން މަޝްވަރާ ކުރަމުން މިގެންދަނީ. ވަކިން ޚާއްޞަކޮށް އެންޖީއޯ ތަކުގެ ހަރަކާާތް ތެރިވުން ވަރަށް މުހިއްމު މިކަމުގައި” ޔަސްރިފް ވިދާޅުވިއެވެ.
އައްޑޫސިޓީގައި ބޭއްވި ސާކު ސަމިޓަށް ޚާއްޞަ ކޮށްގެން ތަމްރީންކޮށްފައިވާ ޒުވާނުން އައްޑޫގައި މިހާރުވެސް ތިބޭނެ ކަމަށާއި މި އިވެންޓްގެ ހުރިހާ ކަމެއްގައި އައްޑޫގެ ޒުވާނުންނަށް ފުރުސަތު އޮތްކަމަށް ޔަސްރިފް ވިދާާޅުވިއެވެ.
“ތަފާތު އެކިކަހަލަ ސަގާފީ ކުޅިވަރުތަކާއި އަދި އަތްތެރިމަސައްކަތް ދައްކުވައިދޭ ސްޓޯލްތައް ތައްޔާރުކޮށް އައްޑޫގެ ރައްޔިތުންގެ ހުނަރު ދައްކާލުމަށް މިއީ ލިބޭ ރަނގަޅު ފުރުސަތެއް. ވަކިން ޚާއްސަކޮށް އައްޑޫގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އައްޑޫއަށް މިއޮތީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައި. މި މަސައްކަތުގައި ކައުންސިލުން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރުމަށް މިތިބީ ތައްޔާރަށް” ކަމަށް ޔަސްރިފް ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ އޮކްޓޯބަރ 27 އަދި 28 ގައި އައްޑޫގައި ބާއްވާ މިއިވެންޓްގައި ބައިވެރިވުމަށް އައްޑޫއަށް ޒިޔާރަތްކުރާ މެހްމާނުންނަށް އީކުއޭޓަރ ގެ އިތުރުން އައްޑޫގެ ހުރިހާ ގެސްޓް ހައުސްތަކަކުން ޖާގަ ދޭ ގޮތަށް ހަމަޖެހިފައިވާއިރު މިއީ އިގްތިސާދީ ގޮތުން ވެސް އައްޑޫއަށް ފައިދާ ލިބިގެންދާނެ ކަމެކެވެ.
އައްޑޫސިޓީގައި އެވޯޑު ބާއްވާ އީކުއޭޓަރ ވިލެޖުން ބުނީ އިވެންޓަށް އީކުއޭޓަރ އިން ފުރިހަމަ އަށް ތައްޔާރުވަމުންދާ ކަމަށާއި މިއީ މުޅި އައްޑޫއަށް އަންނަ އީދެއް ކަމަށް ދެކިގެން އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.
ސަރަހައްދީ ފެންވަރުގައި ބާއްވާ ސާޓާގެ އިވެލުއޭޝަން މިދިޔަ ހަފްތާގައި ރާއްޖޭގައި ބާއްވާފައިވާއިރު އެވޯޑުގައި ހިމެނޭ 10 ސެގްމެންޓާއި 34 ކެޓަގަރީން 450 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފައެވެ.