English Edition
Dhivehi Edition
ދަރުމަވަންތަ ހޮސްޕިޓަލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

މާލެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 80 އަހަރުގެ މީހަކުވެސް ހިމެނޭކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ މާލެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 81، ގާތުން މޮނިޓަރކޮށް އޮބްޒާވް ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މިއަދު އެންއީއޯސީގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރ، ޑރ. މޫސާ ހުސައިން ވިދާޅުވީ އެ މީހާގެ ހާލު ސީރިއަސް ކަމަށާއި، އެ މީހާ އަކީ ސްޓްރޯކެއްގެ ސަބަބުން ‘ބެޑްރިޑެން’ ވެފައިވާ މީހެއް ކަމަށެވެ.

މީގެ އިތުރުން ޑރ. މޫސާ ވިދާޅުވީ ދަރުމަންވަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ އެ މީހާ އަކީ ހަކުރު ބައްޔާއި ލޭމައްޗަށް ދިއުން އަދި ކޮލެސްޓްރޯލް މަތިވުންފަދަ ބަލިތައް ހުންނަ މީހެއް ކަމަށާއި، އެމީހާ އަށް ނިއުމޯނިއާގެ ކަންކަންވެސް ދޭތެރެ ދޭތެރެއިން ދިމާވާ ކަމަށެވެ.

މިއަދު މިހާތަނަށް މާލެއިން ކޮވިޑް-19 އަށް ޖުމްލަ 14 މީހުން ޕޮޒިޓިވްވެފައިވާއިރު، އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 83 އަށް އަރައިފަ އެވެ.

ކޮވިޑް-19 ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާއިރު، އެ ބަލި ކޮންޓްރޯލްކުރުމަށްޓަކައި މާލެ ސަރަޙައްދު އެއްކޮށް ފުރަބަންދުކޮށްފައިވާއިރު، ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.