English Edition
Dhivehi Edition

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ނުރައްކާތެރި ކޮވިޑް19 ކޮރޯނާ ވައިރަސް ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށް މަސައްކަތް ކުރަމުންދާ އެމެރިކާގެ ހޮސްޕިޓަލްތަކުގެ މުވައްޒަފުންނަށް 2500 ޑޮލަރުގެ ބޯނަހެއް ދޭން އެގައުމުގެ ބައެއް ހޮސްޕިޓަލްތަކުން ނިންމައިފިއެވެ. އެމެރިކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިގޮތަށް ނިންމާފައި ވަނީ ނިއު ޔޯކް ސިޓީގެ ގިނަ ހޮސްޕިޓަލްތައް ހިންގާ ނޯތުވެލް ހެލްތުންނެވެ.

ނޯތުވެލް ހެލްތް ކުންފުނިން ހިންގާ 23 ހޮސްޕިޓަލެއްގެ މުވައްޒަފުންނަށް ބޯނަސް ދޭނެ ކަން އެކުންފުނިން ހާމަކުރިއިރު މުސާރައާއި އެކު އިތުރު އެއް ހަފްތާގެ ޗުއްޓީއެއް ވެސް މުވައްޒަފުންނަށް ދޭނެއެވެ.

އެމެރިކާގައި އެންމެ ބޮޑަށް ކޮވިޑް19 ފެތުރެމުންދަނީ ވެސް ނިއުޔޯކް ސިޓީގައެވެ. ނޯތްވެލް ހެލްތް ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މުވައްޒަފުންނަށް ބޯނަސް ދޭން ނިންމީ އެ މުވައްޒަފުން ވަމުންދާ ޤުރުބާނީތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ. ބޯނަސްދޭ މުވައްޒަފުންގެ ތެރޭގައި ސިއްޙީ ޚިދުމަތްތެރިންގެ އިތުރުން ހޮސްޕިޓަލް ސާފުކުރާ މަސައްކަތު މީހުން ވެސް ހިމެނެއެވެ.

ނޫސް ރިޕޯޓްތައް ބުނާގޮތުން ނޯތްވެލް ހެލްތް އިން ހިންގާ ހޮސްޕިޓަލްތަކުގައި ބޯނަސް ލިބޭނެ މުވައްޒަފުންގެ އަދަދު ސާޅީސް ފަސް ހާހަށް ވުރެ ގިނައެވެ.

ނޯތުވެލް ހެލްތުގެ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމިއިރު އެމެރިކާގެ އެހެން ސްޓޭޓްތަކުގެ ހޮސްޕިޓަލްތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި ޕްރޮޓެކްޓިވް އިކުއިޕްމަންޓާއި ނުލައި މަސައްކަތް ކުރަން ޖެހޭ ކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ކުރަމުންނެވެ.