ބަންގްލަދޭޝާއި ނޭޕާލްގެ އެކި ސިޓީތަކުން ޖުމްލަ 71 ދިވެހިން މިއަދު ބަންގްލަދޭޝްގެ އަސްކަރިއްޔާއިން އައި ޚާއްސަ ފްލައިޓުގައި ރާއްޖެ ގެނެސްފި އެވެ.
މިއަދު ރާއްޖެ ގެނައި ދިވެހިންގެ ތެރޭގައި ގިނައީ ޑޮކްޓަރުކަން ކިޔަވަން ގޮސް ތިބި ދަރިވަރުންނާއި ތަމްރީން ހެދުމަށް އެޤައުމުތަކުގައި ތިބި ދިވެހި ޑޮކްޓަރުންނެވެ. އެމީހުންނަކީ ކޮވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝާއި ނޭޕާލް ފުރަބަންދުކުރުމާއި ގުޅިގެން އެ ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިންނެވެ.
މީގެ އިތުރުން ރާއްޖޭގެ އެދުމަކަށް، ބަންގްލަދޭޝްގެ އަސްކަރީ ބާރުތަކުން ވަނީ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުންގެ މެޑިކަލް ޓީމެއްވެސް މިއަދު އައި ފްލައިޓުގައި ރާއްޖެ ފޮނުވައިފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑިކަން އިތުރުވަމުންދާ މިދަނޑިވަޅުގައި ބަންގްލަދޭޝްގެ ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަން ދިވެހިންނާއި ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށެވެ.
މީގެ އިތުރުން ފޮރިން މިނިސްޓްރީން ބުނީ ޑާކާއިން އައި ފްލައިޓުގައި ދަތުރުކުރުމަށް، ނޭޕާލްގެ ސަރުކާރުން ޚާއްސަ ފްލައިޓެއްގައި ނޭޕާލްގައި ތިބި ދިވެހިން ޑާކާ އަށް ގެންގޮސްދިން ކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށް ދިވެހި ސަރުކާރުން ޝުކުރު ދަންނަވާ ކަމަށެވެ.
ރޭ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ ރާއްޖެ އާއި ބަންގްލަދޭޝްގެ ސަރުކާރާ އޮތް ގާތް ގުޅުމުގެ ހެއްކެއް ކަމަށާއި، މިކަމަކީ އެމްއެންޑީއެފް އާއި ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ކުރާ ބުރަ މަސައްކަތުގެ ހެއްކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިއަދު ބަންގްލަދޭޝް އިން އައި އަސްކަރީ މަތިންދާ ބޯޓުގައި ރާއްޖެއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ޤައުމުގެ 10 މެންބަރުންގެ މެޑިކަލް ޓީމެއްވެސް އައިސްފައިވާއިރު، ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރާ 100 ޓަނުގެ މެޑިކަލް ސަޕްލައި ހިފައިގެން މިދިޔަ އަންގާރަ ދުވަހު ފުރި މަނަވަރު އަންނަ ހަފްތާގައި މާލެއަށް ބަނދަރުކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.