ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓްރެވަލް އެވޯޑު، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) މިއަހަރު ބާއްވާ އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖުން މި އިވެންޓަށް ވާން ޖެހޭ ތައްޔާރީތައް ފަށައިފިއެވެ.
“އޭއޯނިއުސް” އަށް މައުލޫމާތު ދެއްވަމުން އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަޙީދު ވިދާޅުވީ މިއީ އީކުއޭޓަރ ވިލެޖްގެ އިތުރުން މުޅި އައްޑޫއަށް ވެސް އަންނަ އީދެއް ކަމަށާއި މި ބޮޑު އިވެންޓަށް އީކުއޭޓަރ އިން ވާން ޖެހޭ ތައްޔާރީތައް މިހާރު ފަށައިފިކަމަށެވެ.
“މިދިޔަ ހޮނިހިރު ދުވަހު އަޅުގަނޑުމެންގެ ހުރިހާ ސްޓާފުންނަށް މި އިވެންޓާ ބެހޭ ގޮތުން މައުލޫމާތު ދީ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހަދާފައިވާނީ. މި އިވެންޓަކީ ވަރަށް ފުރިހަމަ އިވެންޓަކަށް ވެގެން ދިއުމަށް ހުރިހާ ސްޓާފުންވެސް މަސައްކަތް ކުރާނެ” ވަހީދު ވިދާޅުވިއެވެ.
މިއަހަރުގެ އޮކްޓޯބަރ 27 އަދި 28 ގައި އައްޑޫގައި ބާއްވާ މިއިވެންޓްގައި ބައިވެރިވުމަށް އައްޑޫއަށް ޒިޔާރަތްކުރާ މެހްމާނުންނަށް އީކުއޭޓަރ ގެ އިތުރުން އައްޑޫގެ ހުރިހާ ގެސްޓް ހައުސްތަކަކުން ޖާގަ ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަަމަށް ވަހީދު ވިދާޅުވިއެވެ.
ސާޓާ އެވޯޑު ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރަށް ވެފައި މިފަދަ އެވޯޑެއް އައްޑޫ ސިޓީގައި ބޭއްވިގެންދާއިރު މި އިވެންޓް ކާމިޔާބު ކުރުމަށް އައްޑޫސިޓީގެ ހުރިހާާ ރައްޔިތުންގެ އެއްބާރުލުން ބޭނުންކަމަށް ވަހީދު ވިދާޅުވިއެވެ. މި އެވޯޑު ރާއްޖެއިން ބޭރުގައިވެސް ޕްރޮމޯޓު ކުރާއިރު ބޭރު ދުނިޔެއަށް ވަރަށް ބޮޑަށް އައްޑޫސިޓީ ޕްރޮމޯޓް ވެގެންދާނެ ކަމަށާއި މިއީ އައްޑޫސިޓީގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވަހީދު ވިދާޅުވިއެވެ.
މިއަހަރުގެ ތެރޭގައި އީކުއޭޓަރ ވިލެޖުގައި އެމްއައިޓީޑީސީއާއި އުރީދޫގެ ބޮޑު 2 އިވެންޓެއް ބާއްވާފައިވާއިރު މިފަދަ ބޮޑެތި އިވެންޓްތައް ހޮސްޓްކުރާ މުހިއްމު ތަނަކަށް އައްޑޫސިޓީ ހެދުމަށް އަބަދުވެސް އީކުއޭޓަރ ގެ މެނޭޖްމަންޓުން ދަނީ މަސައްކަތް ކުރަމުންނެވެ.
ސަރަހައްދީ ފެންވަރުގައި ބާއްވާ ސާޓާގެ އިވެލުއޭޝަން މދިޔަ ހަފްތާގައި ރާއްޖޭގައި ބާއްވާފައިވާއިރު އެވޯޑުގައި ހިމެނޭ 10 ސެގްމެންޓާއި 34 ކެޓަގަރީން 450 އަށްވުރެ ގިނަ ފަރާތްތައް ވަނީ ނޮމިނޭޓުކޮށްފައެވެ.