މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ކޮވިޑް-19 ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރެމުން ދިޔަ ޔޫރަޕްގެ ބައެއް ހިސާބުތަކުގައި އެ ވައިރަސް ފެތުރުން މަޑުޖެހިފައިވާ ކަމަށް ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ޗައިނާގެ ޒިންހުއާ ނޫހުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޔޫރަޕުގެ ޤައުމުތަކުގައި ދުވާލެއްގެ ަމއްޗަށް ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާ ކަމަށެވެ. ސްޕެއިންގެ ސިއްހީ ވުޒާރާއިން އިއްޔެ ހާމަކުރި ގޮތުގައި އެ ގައުމުން ވަނީ ކޮވިޑް-19 ޖެހިގެން 414 މީހަކު މަރުވެފައެވެ.
ހޮނިހިރު ދުވަހު ސްޕެއިން ވަނީ 565 މީހަކު މަރުވެފައެވެ. އަދި އާދީއްތަ ދުވަހު ސްޕެއިންގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވެސް ހޮނިހިރު ދުވަހަށް ވުނެ އިތުރެވެ.
އެގޮތުން ހޮނިހިރު ދުވަހު ރަނގަޅުވި މީހުންނަށް ވުރެ 2695 މީހުން އިއްޔެ ރަނގަޅުވެފައިވާ ކަމަށް ވެއެވެ. ސްޕެއިންގެ އިތުރުން އިޓަލީގައި ވެސް ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެެވެ. ޔޫރަޕުގެ އެހެން ގައުމުތަކުގެ ތެރެއިން ފްރާންސުން ވެސް ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ޖެރޯމޭ ސަލޯމޮނ ވަނީ އެގައުމުގައި ކޮވިޑް-19 ދެތުރުން ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާކަން އިއުލާންކޮށްފައެވެ.
ކޮވިޑް-19 ފެތުރުން ކޮންމެވެސް ވަރަކަށް މަޑުޖެހެން ފެށުމާއި އެކު ގިނަ ގައުމުތަކުން މިހާރު ތަންފީޒުކުރަމުންދާ ފުރަބަންދުތައް ލުއިކުރަން ވަނީ ފަށާފައެވެ. އެހެން ނަމަވެސް އޭގެ ސަބަބުން އަނެއްކާ ވެސް ކޮވިޑް-19 ފެތުރުން އިތުރުވެދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ އިންޒާރު ދީފައެވެ.