ކޮރޯނާވައިރަހާ ގުޅިގެން ފުޓްބޯޅަ ހަރަކާތްތައް ހުއްޓި ކުރިމަތިވަމުންދާ މާލީ ގެއްލުންތަކާ ހެދި އިޓަލީގެ އޭއެސް ރޯމާގެ ކުޅުންތެރިންނާއި ކޯޗު ޕައޮލޯ ފޮންސޭކާގެ އިތުރުން ކޯޗިން ސްޓާފުގައި ހިމެނޭ ފަރާތްތަކުން ވަނީ ކުރިއަށް އޮތް ހަތަރު މަހުގެ މުސާރަ ނުނަގާން ނިންމާފައެވެ.
އިޓާލިއަން ސެރިއޭ މެދުކަނޑާލިއިރު ތާވަލްގެ ފަސްވަނައިގައި އޮތް ރޯމާގެ ކެޕްޓަން އެޑިން ޖެކޯ އިސްކޮށް ހުރެގެން، ކޯޗު ފޮންސޭކާ އާއި ޓީމުގެ ހުރިހާ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމުގެ މަސައްކަތް ފެށީ މިހާރު ލީގު ހުއްޓާލާފައި އޮތުމުން، މާލީގޮތުން ލިބެމުން އަންނަ ގެއްލުންތަކުގެ ސަބަބުން ކްލަބުގެ އެހެނިހެން މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދިމާވި ދަތިތަކުން އަރައިގަތުމަށްޓަކައެވެ.
ރޯމާގެ ޗީފް އެގްޒެކެޓިވް ގުއިޑޯ ފިއެންގާ ވަނީ މި އުނދަގޫ މި ދަނޑިވަޅުގައި ކުޅުންތެރިންނާއި ކޯޗުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ. އަދި އޭނާ ވަނީ މިކަމުގެ ސަބަބުން ރޯމާގެ ޓީމުގައި އޮތް އެއްބައިވަންތަކަމުގެ ގުޅުން ފެނިގެންގޮސްފިކަމަށް ބުނެފައެވެ.
މި ބަލިމަޑުކަމާއި ގުޅިގެން އިޓާލިއަން ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުރޮޕާ ލީގު ވަނީ މެދުކަނޑާލައިފައެވެ. އެހެންވެ ގޭޓް ފައިސާ އާއި ޓީވީ ރައިޓްސް ފައިސާ އިން ކްލަބްތަކަށް ގެއްލުން ވާނެއެވެ. އެކަން ފޫބައްދަން ބައެއް ކްލަބްތަކުން އަންނަނީ މުސާރަތައް ކުޑަކުރަމުންނެވެ.
އެގޮތުން، ދާދިފަހުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ކުޅުންތެރިންނާއި ކޯޗު މައުރީޒިއޯ ސާރީގެ ހަތަރު މަހުގެ މުސާރަ ވެސް ވަނީ ކަނޑާލައިފައެވެ. އަދި މީގެއިތުރުން، ޔޫރަޕްގެ ބޮޑެތި ކުލަބްތައް ކަމަށްވާ ޖަރުމަނުގެ ބަޔާން މިއުނިކާއި، ބޮރޫޝިއާ ޑޯޓްމަންޑާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާ އިން ވެސް ވަނީ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19ގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީންނެވެ. އެ ގައުމުގެ ގާތްގަނޑަކަށް 23,660 މީހުން މަރުވެފައިވާއިރު، 178,972 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި 47,000 އަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.