ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އަށް ކޯޗުކޮށްދިނުމަކީ ދެކެމުން އަންނަ ހުވަފެނެއްކަމަށް ސްޕެއިނުގެ ކުރީގެ މިޑްފީލްޑަރު ފްރާންސެސްކް ފެބްރިގާސް ބުނެފިއެވެ.
އެގޮތުން، ސްޕެއިނުގެ ރޭޑިއޯ ސްޓޭޝަން ކަޑޭނާ ކޫޕް އަށް ދިން އިންޓަވިއުއެއްގައި ފްރާންސްގެ މޮނާކޯ އަށް ކުޅެމުން އަންނަ ފެބްރިގާސް ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ކޯޗިންގެ ދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާކަމަށާއި، ވަކި ކުޅުންތެރިއަކު ގެންނާނެނަމަ، އެ ލިސްޓުގެ އެންމެ ކުރީގައި އުޅޭނީ އެމްބާޕޭ ކަމަށެވެ.
ޒުވާން އުމުރުގައި ބާސެލޯނާ ދޫކޮށް ފެބްރިގާސް އެންމެ ފުރަތަމަ ގުޅުނީ އާސެނަލްއާ އެވެ. އެ ޓީމަށް 2003 އިން 2011 އާ ހަމައަށް ކުޅުމަށްފަހު އަލުން ބާސެލޯނާ އަށް ބަދަލުވިއެވެ. ނަމަވެސް، އެ ޓީމުގައި އެކަށީގެންވާ ވަރަށް ފުރުޞަތުތައް ނުލިބޭތީވެ، ޗެލްސީ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އެ ޓީމާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށްފަހު މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް އޭނާ ކުޅެމުން އަންނަނީ މޮނާކޯ އަށެވެ.
އެމްބާޕޭއާ މެދު ޝައުގުވެރިވާ މުހިއްމު ސަބަބެއްގެ ގޮތުގައި ފެބްރިގާސް ފާހަގަކުރީ، އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި އެންމެ ފުރަތަމަ ކުޅުނު އާސެނަލްގެ ކުރީގެ ތަރި ތިއެރީ އޮންރީގެ ކުޅުމުގެ ސްޓައިލްއާ އެއްގޮތްކަމެއް ހުރުން ކަމަށެވެ.
“އޮންރީގެ ކުޅުން އަހަރެން ވަރަށް ގާތުން ދުށިން. އޮންރީ އެކޭ އެއްފަދައިން އެމްބާޕޭ އަކީ ހުނަރުވެރި، ދުވެލިބާރު ކުޅުންތެރިއެއް. އަދި، ދެ ކުޅުންތެރިންގެ ކުޅުމުގެ ސްޓައިލްގައި އެއްގޮތްކަމެއް އެބަހުރި.” ފެބްރިގާސް ބުންޏެވެ.
މީގެއިތުރުން، ފެބްރިގާސް ވަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ކުރީގެ ކްލަބު ބާސެލޯނާގެ ވާދަވެރި ރެއާލް މެޑްރިޑްގެ ޖާޒީގައި ފެނިގެންނުދިޔަނަމަވެސް ކޯޗެއްގެ ގޮތުގައި އެ ޓީމުން ފެނިގެންދިއުމަކީ ވަރަށް އެކަށީގެންވާކަމެއް ކަމަށް ބުނެފައެވެ.
“ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރީ ކުލަބުތަކުގެ އަދަދަށްވުރެ ގިނަ ޓީމުތަކަށް ކޯޗެއްގެ ގޮތުގައި އިރުޝާދު ދިނުމަކީ ފެނުން އެކަށީގެންވާ މަންޒަރެއް،” ފެބްރިގާސް ބުންޏެވެ.
އަދި ފެބްރިގާސް ވަނީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކުރިމަގާމެދު ވާހަކަ ދައްކާފައެވެ. އެގޮތުން، ބާސެލޯނާގައި މެސީ މަޑުކުރާނެކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބައޮތް ކަމަށް ވަނީ ބުނެފައެވެ.