ކޮވިޑް-19ގެ ފުރަބަންދުގެ މުއްދަުތުގެ ތެރޭގައި ޑެމަރޭޖް ފީ ނުނެގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.
އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ރޯގާއާއި ގުޅިގެން މާލެ ސަރަޙައްދު އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން ފުރަބަންދުކޮށްފައިވާތީ، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާމިނަލްގައި ބޭރުނުކޮށް ހުރި މުދަލަށް ފުރަބަންދު މުއްދަތުގައި ސްޓޯރޭޖް ފީ ނުނަގާ ގޮތަށް އެ ކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކޮންޓެނިއަރގައި އިމްޕޯޓްކޮށްފައިވާ މުދަލަށް މި މުއްދަތުގައި ޑެމަރޭޖް ފީ ނުނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، ފުރަބަންދު މުއްދަތު ފެށުނު އިރު ކްލިއަރ ނުކޮށް ހުރި ކޮންޓެނިއަރ އަށް އެމްޕީ ކޮންޓެނިއަރ ސްޓޯރޭޖް ފުރަބަންދު މުއްދަތު ނިމުމާ ހަމައަށް ނުނަގާނެ ކަމަށްވެސް އެމްޕީއެލް އިން ބުނެއެވެ.
މީގެ އިތުރުން އެމްޕީއެލް އިން ބުނީ މާލެ ސަރަޙައްދު ފުރަބަންދުކޮށްފައި ވީނަމަވެސް، ރާއްޖެ އެތެރެ ކުރެވޭ މުދާ އެއްވެސް ދަތިކަމެއް ނެތި ބަނދަރުން ނެރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
“މި ކުންފުނީގެ އުންމީދަކީ މި އިންތިޒާމް ތަކުގެ ސަބަބުން އެއްވެސް ދަދި ކަމެއްނެތި ދިރިއުޅުމަށް ބޭނުންވާ އެންމެހާ މުދާ ދަތި ކަމެއްނެތި ދިވެހި ރައްޔިތުންނަށް ލިބިގެން ދިއުމެވެ.”، އެމްޕީއެލް އިން ބުނެފައި ވެއެވެ.